Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އަލީ ވަހީދު މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރަން ނޭދޭނަން: ޕީޖީ

ޕީޖީ ހުސައިން ޝަމީމް, މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު, އަލީ ވަހީދު--

ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ހަސަން ސައީދު ބައްދުކުރުމަސް ނޭދޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ ބްލޮގްގައި ހިއްސާ ކުރެއްވި އޯޑިއޯ ޕޯސްޓުގައި ޝަމީމް ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާކަމަށާއި، އެކަމާމެދު ގޮތެއް ނިންމާނީ މައްސަލަ ބައްލަވާ ގާޒީ ކަމަށެވެ. އަދި އަލީ ވަހީދުގެ މައްސަލައިގެ ބައެއް ކަންކަމާމެދު ހިތްހަމަ ނުޖެހި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ ކިތަންމެ ހިތްހަމަ ނުޖެހޭ ގޮތަކަށް މައްސަލަ ދިޔަނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރުމަށް އެދެން ގަސްތުނުކުރާކަމަށެވެ.

"އެއީ، ހަސްމަކު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ފަނޑިޔާރު ބަދަލުކުރުމަކީ ވެސް މާ ހަމަ ޖެހޭ ކަމަކަށް ނުވާނެ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގައި ކުރިއަށް ގެންގޮސް އެދެވޭ ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަލީ ވަހީދުގެ މައްސަލައިގައި ޕީޖީން މީގެކުރިން ނެރުނު ބަޔާނެއްގައި ވަނީ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދާގުޅޭ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރިއަތް ކުރުމަށް ނިންމި ނިންމުން މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އަދި ޕީޖީން މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުތަކާ ގުޅިގެން ޤާޟީ ޙަސަން ސަޢީދު ނިންމެވި ބައެއް ނިންމެވުންތައް ލިޔުމުން ޕީޖީއާ ޙިއްޞާކޮށްދިނުމަށް އެދުނު ނަމަވެސް ޤާޟީ ޙަސަން ސަޢީދު އެލިޔުންތައް ދީފައިނުވާކަމަށެެ. އަދި ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށްއެދި ކޯޓަށް ހުށަހެޅިކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތައްވެސް ގާޒީ ހަސަން ސައީދު ހިއްސާކޮށްފައިނުވާކަމަށެވެ.