5-3 އިން ކްރޮއޭޝިއާ ބަލިކުރުމަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ.
މިއީ 2012 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއް ކުއާޓާ އިން ސްޕެއިން ޖާގަ ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ޑެންމާކުގެ ވެރިރަށް ކޮޕަންހޭގަންގައި މިރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ކްރޮއޭޝިއާ އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލަކީ ސްޕެއިންގެ ޕެޑްރީ ފަހަތުން ކީޕަރަށް ދިން ޕާހެއް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ވަތް ގޯލެކެވެ.
މި ގޯލަށްފަހު ސްޕެއިންގެ ކުޅުންތެރިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު މެޗުގެ 38 ވަނަ މިނެޓްގައި ޕަބްލޯ ސަރާބިއާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ފެރަން ޓޮރޭސް ނަގައިދިން ހުރަހަކުން މެޗުގެ 57 ވަނަ މިނެޓްގައި ސެޒާ އަޒްޕިލިކުއެޓާ ވަނީ ސްޕެއިނަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 76 ވަނަ މިނެޓްގައި ފެރަން ޓޮރޭސް ވަނީ ސްޕެއިންގެ ލީޑު ފުޅާކޮށްދީފައެވެ.
މި ދެ ގޯލާއެކު ސްޕެއިން މެޗުން މޮޅުވާން ދަނިކޮށް މެޗުގެ 85 ވަނަ މިނެޓްގައި މިސްލާވް އޯސިޗް ވަނީ ގޯލެއް ކާމިޔާބުކޮށްދީ ކްރޮއޭޝިއާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާރިއޯ ޕަސަލިޗް ވަނީ ކްރޮއޭޝިއާ އަށް ނަތީޖާ އެއްވަރުކޮށްދީ ސްޕެއިން ސިއްސުވާލާފައެވެ.
90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރެން ކުޅުނީ އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން ފުރަތަމަ ހާފްގެ ކުރީކޮޅު ކްރޮއޭޝިއާ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެޓީމުގެ އޯސިޗް ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯންއެވެ.
ލީޑު ނަގަން ލިބުނު ފުރުސަތު ކްރޮއޭޝިއާ އިން ނަގާލިތާ މާގިނަ އިރުތަކެއް ނުވަނީސް އަލްވަރޯ މޮރާޓާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ސްޕެއިނަށް އަލުން ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮޔާޒަބާލް ވަނީ ސްޕެއިންގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް މޮޅެއް ކަށަވަރުކޮށްދީފައެވެ.