ޕެނަލްޓީގައި 5-4 އިން ފްރާންސް ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ސްވިޒަލޭންޑް ދަތުރުކޮށްފިއެވެ.
މިއީ 1954 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގެ ދެވަނަ ބުރުގެ މެޗެއް ސްވިޒަލޭންޑުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ 1992 ވަނަ އަހަރަށްފަހު ސްވިޒަލޭންޑުން ފްރާންސް ބަލިކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
މިރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 3-3 އިން އެއްވަރުވެފައެވެ.
ރުމޭނިޔާގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސްވިޒަލޭންޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން ޒޫބާ ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މެޗުގެ 15 ވަނަ މިނެޓްގައި މި ގޯލު ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ސެފަރޮވިޗް އެވެ.
މި ހާފުގައި ފްރާންސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ސްވިޒަލޭންޑްގެ ގޯލަށް މާބޮޑޫ ނުރައްކަލެއް ވެސް އެޓީމަށް ކުރެވިފައެއް ނުވެއެވެ.
ސްވިޒަލޭންޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 55 ވަނަ މިނެޓްގައި އެޓީމަށް ވަނީ ލީޑު ފުޅާކޮށްލަން ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ސްވިޒަލޭންޑްގެ ޑިފެންޑަރު ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި އެ ޕެނަލްޓީ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.
އެ ޕެނަލްޓީ ސްވިޒަލޭންޑަށް ކާމިޔާބު ނުކުރެވުނުއިރު މެޗުގެ އެމްބާޕޭ ދިން ޕާހަކުން މެޗުގެ 57 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓްފަހުން ބެންޒެމާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ފްރާންސް އަށް މެޗުގެ ލީޑު ނަގާދީފައެވެ.
މި ދެ ގޯލަށްފަހު ފްރާންސް އިން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު، ފްރާންސްގެ ތިންވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕޯލް ޕޮގްބާ އެވެ. ޕޮގްބާ މި ގޯލު ކާމިޔާބުކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މި ދެ ގޯލާއެކު ފްރާންްސް މެޗުން މޮޅުވާން ދަނިކޮށް މެޗުގެ 81 ވަނަ މިނެޓްގައި ސެފަރޮވިޗް ވަނީ ސްވިޒަލޭންޑަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓްގައި ގަވްރަނޮވިޗް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެޓީމަށް އެއްވަރުކޮށްދީފައެވެ.
މެޗުން މޮޅުވާން އިތުރު ވަގުތުގެ ފަހު މިނެޓްގައި ފްރާންސްގެ ކިންގްސްލީ ކޯމަން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސްވިޒަލޭންޑްގެ ގޯލުގެ ދަނޑި އަށެވެ.
90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. ނަމަވެސް އެ ދެ ހާފްގައި ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ.
އެގޮތުން ޕެނަލްޓީގައި ސްވިޒަލޭޑުން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު، ފްރާންސް އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނީ އެމްބާޕޭ ޖެހި ޕެނަލްޓީއެވެ. އެމްބާޕޭ ޖެހި ޕެނަލްޓީ ސްވިޒަލޭންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައެވެ.
މުބާރާތުގެ ކުއާޓާގައި ސްވިޒަލޭންޑް ބައްދަލުކުރާނީ ކްރޮއޭޝިއާ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރި ސްޕެއިންއާއެވެ.