ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން ފްރާންސްގެ ސަޕޯޓަރުންގެ ކިބައިން ކިލިއަން އެމްބާޕޭ މައާފަށް އެދިއްޖެއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ރޭ ޕެނަލްޓީގައި ސްވިޒަލޭންޑް އަތުން ފްރާންސް ބަލިވީ 5-4 އިންނެވެ. އެގޮތުން ފްރާންސް އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނީ އެމްބާޕޭ ޖެހި ޕެނަލްޓީ އެކަންޏެވެ. އެމްބާޕޭ ޖެހި ޕެނަލްޓީ ސްވިޒަލޭންޑްގެ ކީޕަރު ސޮމާ ވަނީ މަތަކޮށްފައެވެ.
ރޭގެ މެޗަށްފަހު ސޯޝަލް މީޑިއާގައި އެމްބާޕޭ އާންމުކުރި މެސެޖެއްގައި ބުނީ އަމާޒަށް ވާސިލުނުވެ، މުބާރާތުން ކެޓުމުން އެކަމާ ހިތާމަކުރާ ކަމަށާއި ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން އެކަމަށް މައާފަށް ދޭންޖެހޭ ކަމަށެވެ.
"އަހަރެން މަސައްކަތް ކުރީ ޓީމަށް އެހީވާން. އެކަމަކު ވީ ފެއިލް" އުމުރުން 22 އަހަރުގެ އެމްބާޕޭ ބުންޏެވެ.
މުބާރާތުން ކެޓުމުން ފްރާންސްގެ ސަޕޯޓަރުން ދެރަވާނެކަން އިނގޭ ކަމަށާއި ނަމަވެސް އޭނާ އަށް ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށްވެސް އެމްބާޕޭ ބުންޏެވެ. އަދި މިވަގުތު އެންމެ މުހިއްމީ ކުރިއަށް ވުރެ ބާރަށް ތެދުވެ ދެން ކުރިއަށް ހުރި ޗެލެންޖުތަކަށް ތައްޔާރުވުން ކަމަށްވެސް އޭނާ ބުންޏެވެ.
ރޭގެ މެޗުން ބަލިވެ ފްރާންސް މުބާރާތުން ކެޓިއިރު، މިއީ 2010 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގެ ކުއާޓާފައިނަލަށް ނުގޮސް ފްރާންސް ކެޓި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފްރާންސް އަކީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުންނެވެ.