ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ތެރެއިން ޕެނަލްޓީ ޖެހުމަށް ވެސް ޓީމު އޮތީ ތައްޔާރަށް ކަމަށް އިންގްލޭންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް ބުނެފިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް މެޗެއް އިންގްލޭންޑަށް މިހާތަނަށް 90 މިނެޓްތެރޭ ކާމިޔާބު ކުރެވިފައި ނުވާއިރު، 1996 ވަނަ އަހަރު އެޓީމު ވަނީ ޕެނަލްޓީގައި ޖަރުމަނު އަތުން ވެސް ބަލިވެފައެވެ.
މިރޭގެ މެޗުގެކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސްޓޯންސް ބުނީ ފަރިތަކުރުންތަކުގައި ޕެނަލްޓީ އަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން ވަކިވަކި ކުޅުންތެރިން ވެސް ޕެނަލްޓީ އާއި ހަމައަށް ގޮސްފިނަމަ ކަންކުރާނެ ގޮތްތަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕެނަލްޓީގައި އިންގްލޭންޑަކީ ބަދު ނަސީބު ޓީމެއް ނަމަވެސް އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އެޓީމުން ވަނީ ކޮލަމްބިޔާގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދާފައެވެ.
މިރޭގެ މެޗުގެ ކުރިން އިންގްލޭންޑް ކޯޗު ގެރެތް ސައުތްގޭޓް ވެސް ވަނީ ވީ އެންމެ ރަނގަޅަކަށް ކުޅުންތެރިން ޕެނަލްޓީ އަށް ތައްޔާރުވެފައިވާ ކަމަށާއި ޕެނަލްޓީ ޖެހުމަށް ތައްޔާރުވުމަކީ އާންމު އުސޫލެއްގެ ގޮތުން އަބަދުވެސް ކުރާ ކަމެއް ކަމަށެވެ.
"ބޮޑެތި މުބާރާތްތަކާއި، ބޮޑެތި މެޗުތަކަށް ޕެނަލްޓީ އަށް އަހަރުމެން ވީ އެންމެ ރަނގަޅަކަށް ތައްޔާރުވަން" އޭނާ ބުންޏެވެ.
މިރޭގެ މެޗަށް ނިކުންނައިރު 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށްފަހު މިހާތަނަށް އިންގްލޭންޑާއި ޖަރުމަނު ބައްދަލުކުރި ނޮކައުޓް ހަތަރު މެޗުވެސް ކާމިޔާބުކޮށްފައިވަނީ ޖަރުމަނުންކަން ފާހަގަކޮށްލެވެއެވެ.
އިންގްލޭންޑާއި ޖަރުމަނު ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރުއެވެ.