Last Updated: June 30, 11:56
Tuesday, June 30, 2026
ކުޅިވަރު

ޕެނަލްޓީ ޖަހައިގެން މަލްޓީ ޖީނިއަސް ފައިނަލަށް

ގްލޯބަލް ލިންކް ޗެލެންޖްގެ ފައިނަލަށް އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަން މަލްޓީ ޖީނިއަސް ދަތުރުކޮށްފިއެވެ.

މީދޫ މުލިމަތި ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗް ވަގުތު ހަމަވިއިރު ދެ ޓީމް 0-0 އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

މީދޫ މުލިމަތިޓީމުން ޖެހި 4 ޕެނަލްޓީގެ ތެރެއިން ދެޕެނަލްޓީ މަލްޓި ޖީނިއަސްގެ ކީޕަރުވަނީ ދިފާއުކޮށްފައިއެވެ. އަނެއް ދެޕެނަލްޓީ ވަނީ ގޯލް ދަނޑީގައި ޖެހި ބޭރަށް ގޮސްފައެވެ. މުލިމަތިޓީމުން ޖެހި ޕެނަލްޓީގެ ތެރެއިން ގޯލް ދަޑީގައި ޖެހިފައިވަނީ އަޝްރަފާއި މިރުފާނު ޖެހި ޕެނަލްޓީއެވެ. އައްމަޑޭއާއި ރަމްޒީ ޖެހި ޕެނަލްޓީ ގޯލްކީޕަރުވަނީ ދިފާއުކޮށްފައެވެ.

މަލްޓި ޖީނިއަސްއިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އަބްދުﷲ އިބްރާހިމް ޖެހި ފުރަތަމަ ޕެނަލްޓީ މުލިމަތިޓީމްގެ ކީޕަރު ބައްޓޭ ވަނީ ދިފާއުކޮށްފައެވެ. އިމްރާން އަދި އަބްދުﷲ ހަނީފް ޖެހި ޕެނަލްޓީ އެދެކުޅުންތެރީންވަނީ ކާމިޔާބުކޮށްފައެވެ.

މިމުބާރާތުގެ ފައިނަލްމެޗްގައި މިމަހުގެ 6 ވަނަ ދުވަހު ބައްދަލު ކުރާނީ ދި ފޭދޫ އާއި މަލްޓި ޖީނިއަސްއެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ 6 ވަނަ ދުވަހު ހަވީރު 3.30 ގައެވެ.

ޗެމްޕިއަންޓީމަކަށް އެއްލައްކަ ފަންސާސްހާސްރުފިޔާ ދެވަނަޓީމަށް ފަންސާސްހާސްރުފިޔާ ދޭގޮތަށް ބޭއްވޭ މިމުބާރާތަކީ ގްލޯބަލްލިންކުން އައްޑުއަތޮޅުގައި މިއަހަރު ބާއްވާ ދެވަނަ މުބާރާތެވެ. އަދި މިމުބާރާތަކީ އައްޑުއަތޮޅުގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ