Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު ހައްޔަރުކޮށްފި

ކުޅިދުއްފުށިސިޓީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިިން މީހަކު ހައްޔަރުކޮށްފިއެވެ.

ހދ. ކުޅުދުއްފުށީ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު ކަމަށް މައުލުމާތުދީފައިވެއެވެ.

މި ހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓަރީ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެތަނުގައި ހުރި އެހެން ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއްކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 36 އަހަރުގެ މީހާއަށް 15 ދުވަސް، 35 އަހަރުގެ މިހާއަށް 10 ދުވަސް އަދި 43 އަހަރުގެ މީހާއާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 35 އަހަރުގެ މިހާއާއި 36 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި އަދި މާރާމާރީގެ ރެކޯޑްސް އޮންނަބައެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.