މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށް މަސައްކަތްތައް އޮންލައިންކޮށް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ސަރުކާރު އޮފީސްތަކުގެ މަސައްކަތް އެންމެ ފުރަތަމަ އޮންލައިންކޮށްފައިވަނީ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެ މުއްދަތު ޖުލައި 3 ގެ ނިޔަލަށް ދަންމާލުމަށް މިއަދު ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދިޔުމަށް ވަނީ އަންގާފައެވެ.
އަދި ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެއެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގައި އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި އެ އެޖެންސީންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.