Last Updated: June 30, 11:56
Tuesday, June 30, 2026
ޚަބަރު

ބަނދަރު ލައިޓް ބަދަލު ކުރަނީ

ކުރީގެ އެނަޖީ މިނިސްޓަރ ޑރ. ޝަކީލާ އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކުރި ލެޑްލައިޓްތައް ހިތަދޫ ބަނދަރުގައި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

"ފަހިއަލި" ޕްރޮގްރާމްގެ ދަށުން ހިތަދޫ ބަނދަރުގައި ޖެހުމަށް ހަމަޖެހިފައިވަނީ 50 ލެޑް ބައްތިއެވެ.

އޮގަސްޓް މަހުގެ 3 ވަަނަ ދުވަހު ކައުންސިލާއި ހަވާލުކުރި ބަނދަރުމަތީ ލައިޓްގެ އިތުރުން އައްޑޫގެ މަގުތައް ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ދިއްލުމުގެ ގޮތުން 2540 ލެޑްލައިޓް ވަނީ އައްޑޫ ކައުންސިލާއި ހަވާލުކޮށްފައެވެ.

ކައުންސިލުން ބުނެފައިވަނީ މަގު ބައްތިތައް އައްޑޫގެ އެކި ރަށްތަކުގައި ބޭނުންކުރާނެކަމަށެވެ.

ހިތަދޫގެ ލިންކް ރޯޑާއި މަގުބައްތިތައް މަރާމާތު ނުކުރެވި ހުންނަތާ އެތަކެއް ދުވަސްވެއްޖެއެވެ. އަދި އެކަން ހައްލު ކުރުމަށް ކައުންސިލުން އެދެވޭ މަސައްކަތެއް ނުކުރެއެވެ.

ބަނދަރު ބައްތި ހަވާލުކުރުމަށްފަހު ޑރ. ޝަކީލާ ވިދާޅުވީ މި ބައްތި ޖެހުމުން ކަރަންޓަށް ކުރާ ހޭދައިގެ ބޮޑު ބައެއް ސަލާމަތް ކުރެވި ރާއްޖެ ކާބަން ނިއުޓްރަލް ކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށެވެ.