Last Updated: June 30, 11:56
Tuesday, June 30, 2026
ޚަބަރު

ގައުކެނޑި ސާފުކުރަނީ

ރިވަރިން ޖަމިއްޔާ އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ގައުކެނޑި ބްރިޖް ސަރަހައްދު ސާފުކުރުމަށް ނިންމައިފިއެވެ.

“އައިލަވް އައްޑޫސިޓީ- ރިވަރިން ކްލީނިންގ ޑޭ 2013″ގެ ނަމުގައި މާދަމާ ކުރިއަށްދާ މި ހަރަކާތުގައި އައްޑޫގައި ހަރަކާތްތެރިވާ ޕޮލިހާއި އެމްއެންޑީއެފްގެ އިތުރުން އައްޑޫ ވިމެން ޑިވެލޮޕްމަންޓް ކޮމެޓީ އާއި ރޯޑު ކޯޕަރޭޝަނުން ބައިވެރިވެއެވެ.

ރިވަރިންއިން ބުނީ ސާފުކުރުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9 އިން މެންދުރު 12 އާއި ހަމައަށްކަމަށެވެ.

"މާދަމާ އެސަރަހައްދު ސާފު ކުރުމަށް ފަހު ދާއިމީ ގޮތަކަށް ކުނި އަޅާނެ ޑަސްބިންތައް އެސަރައްދުގައި ބެހެއްޓުމަށް ވަނީ ނިންމާފައި. އަދި ޑަސްބިން ހުސްކުރުމަށް ހިތަދޫ ބީޓެކް ކުންފުންޏާއި ވަނީ ހަވާލު ކުރަން ނިންމާފައި" ރިވަރިންގެ ރައީސް މުސްތަންސިރު މުސްޠަފާ (ސިރު) ވިދާޅުވިއެވެ.

ގައުކެނޑި ބްރިޖް ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ޕިކްނިކްދާ ސަރަހައްދަކަށްވެފައި އެތަނުގައި ކުނި އަޅާނެ ހާއްސަތަނެއް ނެތުމުން އެހިސާބުގަނޑުގެ ގޮޑުދޮށާއި މޫދު ތެރެއަށް ކުނިއަޅާފައި ހުރެއެވެ. އެސަބަބާއި ހެދި މީގެ ކުރިންވެސް އެތަން ސާފުކުރި އައްޑޫ ހައިސްކޫލް ކުދިން ވަނީ ޑަސްބިން ބެހެއްޓުމަށް ކައުންސިލްގައި އެދިފައެވެ. ނަމަވެސް މިހާތަނަށް އެސަރހައްދުގައި ޑަސްބިން ބަހައްޓާފައި ނުވެއެވެ.