2-0 އިން ޖަރުމަނު ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ.
މިއީ 1966 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގެ ދެވަނަ ބުރުން ޖަރުމަނުގެ މައްޗަށް އިންގްލޭންޑުން ކުރި ހޯދި ފުރަތަމަ ފަހަރެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެ ޓީމަށް ވެސް ގޯލު ކާމިޔާބުކުރަން ލިބިފައިވަނީ މަދު ފުރުސަތުތަކެކެވެ. އެގޮތުން ޖަރުމަނުގެ ޓިމޯ ވާނާ ފޮނުވާލި ހަމަލާއެއް އިންގްލޭންޑްގެ ކީޕަރު ޕިކްފޯޑް ދިފާއުކުރިއިރު، އިންގްލޭންޑަށް މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ހެރީ ކޭން އަށެވެ. އެގޮތުން ޖަރުމަނުގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލަކަށް ބޯޅަ ފޮނުވާލުމުގެ ކުރިން ޖަރުމަނުގެ ޑިފެންޑަރު މެޓްސް ހުމެލްސް ވަނީ އެ ބޯޅަށް ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ކައި ހަވެޓްޒް ވަނީ ދުރުން ބާރު ހަމަލާއެއް އިންގްލޭންޑްގެ ގޯލަށް ފޮނުވާލާފައެވެ. އެ ހަމަލާވެސް ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށް ބޭރުކޮށްލާފައެވެ.
އެޓޭކުތަށް ވަރުގަދަކުރަން މެޗުގެ 69 ވަނަ މިނެޓްގައި އިންގްލޭންޑުން ޖެކް ގްރީލިޝް ކުޅެން އެރުވިއިރު، މެޗުގެ 75 ވަނަ މިނެޓްގައި ލޫކް ޝޯ ހުރަސްކޮށްލި ބޯޅައެއް ކުރިއަށް ފޮނުވާލައިގެން ރަހީމް ސްޓާލިން ވަނީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ.
ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 81 ވަނަ މިނެޓްގައި ޖަރުމަނުގެ ފޯވާޑް ތޯމަސް މުލާ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. އެ ފުރުސަތުގެ ބޭނުން ނުހިފުނުއިރު މެޗުގެ 86 ވަނަ މިނެޓްގައި ގްރީލިޝް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެން ހެރީ ކޭން ވަނީ އިންގްލޭންޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ކުއާޓާ އަށް އެޓީމު ގެންގޮސްދީފައެވެ.
މުބާރާތުގެ ކުއާޓާގައި އިންގްލޭންޑް ބައްދަލުކުރާނީ މިރޭ ސްވިޑެން އާއި ޔުކްރޭން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.