ފަހު ވަގުތު ސްވިޑެން 2-1 އިން ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ޔުކްރޭން ދަތުރުކޮށްފިއެވެ.
މިއީ ބޮޑު މުބާރާތެއްގެ ކުއާޓާފައިނަލަށް ޔުކްރޭންގެ ތާރީހުގައި ވެސް ދަތުރުކުރި ދެވަނަ ފަހަރެވެ. އެޓީމު މީގެކުރިން ކުއާޓާ އަށް ދަތުރުކޮށްފައިވަނީ 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައެވެ.
ސްކޮޓްލޭންޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ޔުކްރޭނުންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓްގައި މި ގޯލު ޔުކްރޭނަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޒިންޗެންކޯއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޑެންގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ޔުކްރޭނުގެ މި ގޯލާއެކު ސްވިޑެން އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސްވިޑެން އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން ޔުކްރޭންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ސްވިޑެންގެ ފޯސްބާގް ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަދެފައިވަނީ ޔުކްރޭން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ލީޑު ނަގަން ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ޔުކްރޭންގެ ސައިޑޮރުޗުކް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ސްވިޑެންގެ ފޯސްބާގް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ވަނީ ޔުކްރޭންގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ.
90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރުމަށް ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން ފުރަތަމަ ހާފްގެ ކުރީކޮޅު ސްވިޑެންގެ ޑެނިއެލްސެން އަށް ރަތްކާޑު ދެއްކުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ޔުކްރޭންގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ ބާކީ 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރަން ޖެހުނު ސްވިޑެން ކޮޅަށް ޔުކްރޭނުން މި މެޗުގައި ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ފަހު ވަގުތުކޮޅުތެރޭގައެވެ. އެގޮތުން ސްވިޑެންގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލު ޔުކްރޭނަށް ކާމިޔާބުކޮށްދިނީ ޑޮވްބީކް އެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި ޔުކްރޭން ބައްދަލުކުރާނީ އިންގްލޭންޑާއެވެ.