ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން 24 ގަޑިއިރަށް ވުރެ ވަގުތު ކުޑަތަންވެއްޖެއެވެ.
އުމުރުން 34 އަހަރުގެ މެސީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިރޭގެ ނިޔަލަށް ހަމަވާނެއެވެ. ބާސާ އިން އަންނަނީ މެސީގެ ކޮންޓްރެކްޓް އާކުރުމަށް އޭނާގެ އެޖެންޓާއެކު ގިނަ މަޝްވަރާތަކެއް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް އައުން އަދި އޮތީ ތަންކޮޅެއް ދުރުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ދާދިފަހުން ބޭއްވި އިވެންޓެއްގައި ވާހަކަދައްކަވަމުން ބާސާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ މެސީ ބޭނުންވަނީ ބާސާގައި މަޑުކުރަން ކަމަށާއި އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކްލަބުގެ ފަރާތުން ކުރަމުންދާނެ ކަމަށެވެ. ލަޕޯޓާ ވަނީ ބާސާގެ ރައީސް ކަމަށް އިންތިހާބުވުމުގެ ކުރިން ވެސް މެސީ ބާސާގައި މަޑުކުރުވާނެ ކަމަށް އެ ކްލަބުގެ ސަޕޯޓަރުންނަށް ވައުދުވެފައެވެ.
ކޮޕަ އެމެރިކާގައި ކުޅުމަށް މިވަގުތު މެސީ ހުރީ އާޖެންޓީނާގެ ގައުމީ ޓީމާއެކު ކަމަށްވާއިރު، މިދިޔަ އަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވަނީ ބާސާ ދޫކޮށްލަން މަސައްކަތްކޮށްފައެވެ. އެގޮތުން ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ ރަސްމީކޮށް އެ ކްލަބަށް އެންގި ނަމަވެސް ކްލަބުން އެ ފުރުސަތު ނުދިނުމުން މެސީ އެންމެފަހުން ނިންމީ ބާސާގައި މަޑުކުރުމަށެވެ.
ބާސާ އަށް މިހާތަނަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ 600 އަށް ވުރެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.