Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

އަންހެނުން ހިތާނުކުރުމާ ގުޅޭ މައްސަލައިގައި ކޮމިޓީގެ ނިންމުން މުރާޖާ ކުރުމަށް އެދިއްޖެ

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމާފައި އޮތް ނިންމުމެއް މުރާޖާ ކުރުމަށް ދަންނަވާފައިވާކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކަވާފައިވާކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖެންޑާ ކޮމިޓީންގެ މެމްބަރަކު ހުށަހަޅައިގެން ނިންމާފައިވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން އިތުރަށް ލަފާހޯދުމަށެވެ.

އެކަމާ ގުޅޭގޮތުން އީވާ ވިދާޅުވީ މިކަމަކީ އިތުރަށް ހިޔާލު ހޯދަންޖެހޭ ކަމެއްކަމަށް ނުދެކޭކަމަށާއި، އޭގެ ބަދަލުގައި މަޖިލީހުން މަސައްކަތް ކުރަން ޖެހޭނީ އެފްޖީއެމް ހުއްޓުވުމަށް މަސައްކަތް ކުރެވެމުންދާ މިންވަރު ދެނެގަނެ، އެކަން ހުއްޓުމަށް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށެވެ.

ކޮމިޓީގެ ނިންމުމެއް ހުއްޓުވުމުގެ ބާރު މަޖިލީހުގެ ރިޔާސަތަށް ނޯންނާނެކަން އެނގޭކަން ފާހަގަކޮށް އީވާ ވިދާޅުވި ނިންމުމެއް މުރާޖާ ކުރުމަށް ދެންނެވޭނެކަމަށާއި އެހެންނަކަމުން އެ ނިންމުން މުރާޖާ ކުރުމަށް ކޮމިޓީގެ މުގައްރިރަށް ދަންނަވާފައިވާކަމަށެވެ.