Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

"ޖާބިރު ހެޕީ ކްލަބް" ހުޅުވަނީ، ދިވެހިންނަށް ހިލޭ ދެވޭނެ!

އަބްދުالله ޖާބިރު ބޮޑުމޮހޮރާގައި--

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑިއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ތަރައްގީ ކުރައްވާ ޖާބިރުގެ ހެޕީ ކުލަބުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މާދަމާ ހުޅުވަން ތައްޔާރުވެެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ޖާބިރު ވިދާޅުވީ، "ޖާބިރު ހެޕީ ކްލަބް"އަކީ ތަހުޒީބުކޮށް މީހުންނަށް ޗުއްޓީ ހޭދަ ކުރެވޭ ގޮތަށް އެ ފެންވަރުގައި ތަރައްގީ ކޮށްފައިވާ ތަނެއް ކަމަށެވެ.

މި ފަދަ ބޮޑު ޕެންޑެމިކެއް ތެރޭގައި ދިވެހި ރައްޔިތުންނަށް އެއްވެސް ފީއެއް ނެގުމަކާނުލައި ހެޕީ ކުލަބަށް ދެވޭނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"މިފަދަ ބޮޑު ޕެންޑެމިކެއް ދާއިރު ދިވެހި ރާއްޖޭގެ ރައްޔިތުން ދަތުރުގޮސްލައި މަޖާކޮށްލާނެ ރަށެއްވެސް ނެތް. އެހެން ކަމުން ބޮޑު މޮހޮރާ ޑިވެލޮޕްމަންޓު ޕްރައިވެޓް ލިމިޓެޑުން ހުރިހާ ދިވެހި ރައްޔިތުންނަށް އާދެވޭ ގޮތަށް އެއްވެސް ފީއެއް ނެގުމަކާ ނުލައި އާދެވޭ ގޮތަށް ހުރިހާ ހިދުމަތެއް ހުންނަ ގޮތަށް އެކެއް ޖުލައި އިން ފެށިގެން ބޮޑު މޮހޮރާ ހުޅުވިފަ އޮންނަ ވާހަކަ ދަންނަވާލަން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހެޕީ ކްލަބަށް ހުރިހާ ރައްޔިތުންނަށްވެސް މަރުހަބާ ކިޔާނެކަމަށާއި، ހެޕީ ކުލަބަށް ދާން ބޭނުންވާ ފަރާތްތައް އެތަނަށް ދިއުމަށް ހަމަޖެހިފައިވާ އުސޫލުތައް އެތަނުގެ މެނޭޖްމަންޓުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ވ. ބޮޑުމޮހޮރާގައި ތަރައްޤީ ކުރާ "ޖާބިރު ހެޕީ ކްލަބް"އަކީ ތިން ފިޔަވެއްސަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ރަށެކެވެ. ބޮޑު މޮހޮރާގެ ފޭސް ދޭއް އަދި ތިނެއްގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި ނިމޭނެ ކަމަށް ޖާބިރު މީގެކުރިން ވިދާޅުވެފައިވެއެވެ.