Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ބައެއް މެމްބަރުން އޮޅުވާލާތީ ކަންބޮޑުވުން ފާޅުކޮށްފި

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ބައެއް ވާހަކަތައް މަޖިލީޙުގެ ބައެއް މެމްބަރުން އޮޅުވާލައިގެން ދައްކަމުން ދާކަމަށާއި، އެކަމާމެދު ކަނބޮޑުވާކމަަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ރާއްޖޭގެ ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރުގެ އަމަލުތައް ހައްދުފަހަނަ އަޅާ ހިސާބަށް ގޮސްފައިވާކަމީ އެއްވެސް ފަރާތަކަސް އޮޅިފައިވާ ކަމެއްނޫންކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްސދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން އަންނަކަން ފާހަގަކޮށް އިންތި ވިދާޅުވީ މި ވަގުތަކީ މިކަމުގައި މަޑުންތިބެވޭނެ ވަގުތެއްނޫންކަމަށެވެ. ރައީސް ނަޝީދަށް އެވަރުގެ ހަމަލާއެއް ދިނުމުން އޭގެމާނައަކީ ރާއްޖޭގެ އެހެން ރައްޔިތަކަށްވެސް ޓެރަރިސްޓުންގެ ފަރާތުން ރައްކާތެރިކަން ނެތުންކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދު އެހާލުފުޅުގައި އޮންނަވަނިކޮށް މަޖިލީހުގެ ބައެއް މެމްބަރުން އަދިވެސް އެމަނިކުފާނު އިތުރަށް ވިކްޓަމައިޒް ވާގޮތަށް ވާހަކަދައްކަމުންދާކަމަށެވެ. އަދި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް "ޓްވިސްޓް" ކޮށްގެން ދެއްކެން އޮތްގޮތަކަށް ވާހަކަ ދައްކަމުން އަންނަކަމަށެވެ.

"އަދިވެސް އެމަނިކުފާނު ވިދާޅުވާ ބަސްފުޅެއް މާނައެއްކޮށް ޓްވިސްޓް ކުރެވެން އޮތްގޮތަކަށް ޓްވިސްޓް ކޮށްލައިގެން، އޮޅުވާލެވެން އޮތް ގޮތަކަށް އޮޅުވާލައިގެން އެކަން ކުރާކަން އެބަ ފާހަގަކުރެވޭ." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ މަޖިލީހުގައި ތިބެގެންވެސް ބައެއް މެމްބަރުން ރައީސް ނަޝިދުގެ ވާހަކަތައް އެމިންވަރަށް ޓްވިސްޓް ކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.