ދެހާސް ފަނަރަވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާކުރިކަމަށް ބުނެ ޙުކުމްކުރި އެމްޑީޕީ އަންހެނުންގެ ރޫޙުގެ މެންބަރުންގެ މައްސަލައިގައި އޭރުގެ ޕީޖީ މުހްތާޒު މުޙްސިން މައާފަށް އެދެން ޖެހޭކަމަށް ބުނެ، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލަ އެމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާފައިވަނީ އާދިއްތަ ދުވަހުއެވެ. މިމައްސަލަ ހުށަހަޅާފައިވަނީ އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރ ސިފާ މުޙައްމަދު، ޝަފިއްޔާ ޒުބައިރު، މަރްޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާމަން މުޙައްމަދު އިބްރާހިމް މަނިކެވެ.
މި މައްސަލައިގައި އެމް.ޑީ.ޕީ ގެ މެންބަރުން އެދިފައިވަނީ، މައްސަލަ ހިނގިއިރު ހުރި ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގައިވާ މުޙްތާޒް މުޙްޞިން، މާފަށް އެދުމަށް އެންގުމަށާއި، ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓަށް އަލުން ހުށަހެޅުއްވުމަށާއި، ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމަށް، ޕޮރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އަލުން އެދުމަށާއި، މި މައްސަލަ ޙައްލުކުރާން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން މިހާރުގެ ޕީޖީގެ ފަރާތުން ހޯދުމަށާއި، ކްރިމިނަލް ރިކޯޑުން މި މައްސަލަ އުނިކުރުމަށެވެ.
ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ، އެއާޕޯޓްގައި މުޒާހަރާކުރިކަމަށް ބުނެ 3 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، 3 އަހަރު ދުވަހުގެ މުއްދަތަށް މިޙުކުމް ތަންފީޛުނުކޮށް ފަސްކުރުމަށް، ކްރިނަލް ކޯޓުން، އެމްޑީޕީގެ 13 އަންހެނަކާއި، އެއް ފިރިހެނަކަށް، ޙުކުމްކުރި ކުރުމަކީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ހިންގި ޢަމަލެއްގެ ސަބަބުން އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާ، އަދި ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްކަމަށެވެ.