Last Updated: June 30, 11:56
Tuesday, June 30, 2026
ޚަބަރު

އަޠްހަރު ދެކުނު ދާއިރާއިން ވާދަ ނުކުރަން ނިންމައިފި

އަޠްހަރު ހަލީމް

ޖުމްހުރީ ޕާޓީން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަށް ކުރިމަތިލުމަށް ޓިކެޓް ދިން އަޠްހަރު ހަލީމް އެދާއިރާއިން ކައުންސިލަށް ވާދަ ނުކުރަން ނިންމައިފިއެވެ.

އަޠްހަރު "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ބުނީ ދެކުނު ދާއިރާއިން ކުރިމަތިނުލާން ނިންމީ ޕާޓީގެ ތެރޭގެ އާންމު މަސްލަހަތު ހިފެހެއްޓެވުމަށް ކަމަށާއި ޕާޓީގެ ބައެއް މެމްބަރުން ބޭނުންވަނީ ޖޭޕީގެ ޓިކެޓްގައި ހިތަދޫ ކައްބާބުގޭ ޙުސެއިން ޒަރީރު ނިކުތުމަށް ކަމަށްވާތީއެވެ.

ޖުމްހުރީ ޕާޓީން އަޠުހަރުއަށް ޓިކެޓް ދިނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރަސްމީ ގަޑި ހަމަވުމުގެ ކުރިން ޕާޓީން ދޫކުރި ފޯމު ފުރިހަމަކޮށް ހުށަހަޅާފައިވަނީ އަޠްހަރު އެކަނި ކަމަށްވާތީއެވެ. ނަމަވެސް ވަގުތު ހަމަވިފަހުން ޒަރީރްގެ ފޯމު ހުށަހަޅައި ޓިކެޓް ޒަރީރުއަށް ދިނުމަށް ވަކި ބަޔަކު ވަނީ ބާރުއަޅާފައެވެ.

ދެކުނު ދާއިރާއިން މިހާރު ޖޭޕީއިން ނިކުންނަ ޒަރީރު އަކީ ހިތަދޫ އަވަށު ބޯޑުގެ ރައީސް ކަމުގެ ހުންނަނިކޮށް ހެދި ރަޖިސްޓްރީއެއްގެ މައްސަލާގައި ކައުންސިލުން އޭނާގެ މައްސަލަ ބެލުމަށް ޕޮލިހަށް ހުށަހެޅި މީހެކެވެ، އަދި އެމައްސަލާއި ގުޅިގެން އޮފީހުގައި މަސައްކަތް ކުރި ޒަރީރުގެ ޅިޔަނަކު ވަނީ އޮފީހުން ސަސްޕެންޑް ވެސް ކޮށްފައެވެ.

ޒަރީރު މިއަދު ބުނީ ހިތަދޫ ކުދެހިމާގެ ރަޖިސްޓްރީ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. އަދި އޭނާ އެމައްސަލާއި ގުޅުގެން ކަނޑާލާފައި ނުވާ ކަމަށާއި އަމިއްލައަށް މަގާމުން އިސްތިއުފާ ދިނީކަމަށެވެ.

ޒަރީރް އާއި އެކު ދެކުނު ދާއިރާއިން ދެން ވާދަކުރާނީ އެމްޑީޕީގެ ޓިކެޓް ހޯދި މުހައްމަދު ޔަސްރިފްއެވެ.