އިންޑިއާގައި ކުރިއަށްދިޔަ އިންޓަ ސްޓޭޓްސް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އިންޑިއަން ގްރޭންޑް ޕްރީ 4 ގައި ރާއްޖޭގެ ޖޯޒީގައި އިންޑިއާގެ އެތްލީޓަކު ވާދަކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން މިރޭ ދޮގުކޮށްފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ އެތްލީޓަކު ރާއްޖެ ތަމްސީލުކޮށްފައި ނުވާ ކަމަށާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ގައުމެއްގެ ރަށްވެހިކަން ނޯންނަ އެތުލީޓަކަށް ގައުމެއް ތަމްސީލްކުރުމުގެ ފުރުސަތެއް ނޯންނައިރު އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
އަދި މުބާރާތުގައި ވާދަކުރުމަށް ފުރުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުނުއިރު އަންހެން ޓީމުގެ އެއް ދުވުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެހެންކަމުން ޕޮޒިޓިވްވީ އެތްލީޓާއި އިތުރު އަންހެން އެތްލީޓެއް އުނިކޮށް މުބާރާތަށް ދިޔައީ ޖުމްލަ ތިން އަންހެން އެތްލީޓުން ކަމަށް އޭއޭއެމް އިން ބުންޏެވެ.
ރާއްޖޭގެ އަންހެން ޓީމު ހަތަރު އެތުލީޓުންނަށް ވުރެ މަދުވުމުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަންހެން ޓީމަށް ގެއްލުނު ކަމަށާއި އެހެންކަމުން މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމު ވާދަކޮށްފައިނުވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް އިންޑިއާ އަށް ގޮސް މުބާރާތުގައި ވާދަނުކޮށް އެނބުރި އައުމުގެ ބަދަލުގައި އެތުލީޓުންނަށް ތަޖުރިބާގެ ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި އިންޑިއާ އެތުލީޓަކު ހިމަނައިގެން ރިލޭ އިވެންޓްގައި ވާދަކުރަން ލިބުނު ފުރުސަތުގެ ބޭނުން ހިފީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ރިލޭ އިވެންޓްގައި ރާއްޖޭގެ ތިން އެތުލީޓުންނާއި އިންޑިއާގެ އެތުލީޓު ދުވުނުއިރު، ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޓީމު ދުވާއިރު، ބޭނުންކުރާ ކިޓެއް ނޫނެވެ. ނަމަވެސް ރިލޭގައި ވާދަކުރާ ހުރިހާ އެތުލީޓުން ވެސް ތިބެން ޖެހެނީ އެއްވައްތަރެއްގެ ހެދުމެއްގައި ކަމުން، 4 އެތުލީޓުން ވެސް އިވެންޓްގައި ބޭނުންކޮށްފައިވަނީ އެތުލެޓިކްސް އިން ޓްރެއިނިންގައި ބޭނުންކުރާ ޓީޝާޓެވެ" އެ ބަޔާނުގައި ވެއެވެ.