Last Updated: July 22, 11:21
Wednesday, July 22, 2026
ކުޅިވަރު

85 މިލިއަން ޔޫރޯ އަށް ސަންޗޯ ޔުނައިޓެޑަށް

ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ހުނަރުވެރި ވިންގަރ، ޖޭޑަން ސަންޗޯ މެންޗެސްޓަރ ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމަންޑުން އެއްބަސްވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 21 އަހަރުގެ ސަންޗޯގެ ޓްރާންސްފާއާ ގުޅޭގޮތުން ޑޯޓްމަންޑާއި ޔުނައިޓެޑުން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ސަންޗޯ ޔުނައިޓެޑަށް ބަދަލުވާނީ 85 މިލިއަން ޔޫރޯ އަށް ކަމަށްވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މެޑިކަލް ފުރިހަމަ ކުރުމަށްފަހު ރަސްމީކޮށް އޭނާ އެ ކްލަބަށް ސޮއިކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސަންޗޯ މިވަގުތު ހުރީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައިވާ އިންގްލޭންޑްގެ ގައުމީ ޓީމާއެކުއެވެ.

ސަންޗޯ ހޯދުމަށް ޔުނައިޓެޑުން މިދިޔަ އަހަރުގެ ޓްރާންސްފާ މާކެޓުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެ މަސައްކަތް އޭރު ކާމިޔާބުވާ ގޮތް ނުވީ ޑޯޓްމަންޑުން އޭރު ސަންޗޯ ވިއްކާލުމަށް ނިންމާފައިވާ އަގު މާބޮޑު ވުމާ ގުޅިގެންނެވެ.

މިދިޔަ ސީޒަނުގައި ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ސަންޗޯ ދައްކާފައިވެއެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިދިޔަ ސީޒަނުގައި ކުޅެދިން 38 މެޗުގައި 16 ގޯލު ކާމިޔާބުކޮށް 20 އެސިސްޓް ހަދާފައެވެ.