ބަނގުރާ ކައްކަމުން ދިޔަ ދެކުއްޖަކު ހިތަދޫން އަތުލައިގެންފިއެވެ.
ފުލުހުނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހަވީރު އަތުލައިގަތް ދެ ކުދިން އަތުލައިގެންފައިވަނި ބަނގުރާ ކައްކަމުން ދަނިކޮށެވެ. ފުލުހުން ބުނީ މި ހާދިސާގައި އަތުލައިގެންފައިވަނީ އުމުރުން 17 އަހަރުގެ ދެ ކުދިން ކަމަށެވެ.
އަތުލައިގަތް ދެ ކުދިންގެ ތެރެއިން އެއްކުއްޖަކީ މަސްތުވާތަކެތީގެ މައްސަލާއިގެ ރެކޯޑް އޮންނަ ކުއްޖެއް ކަމަށެވެ.
އިއްޔެގެ އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި 20 ލިޓަރުގެ 2 ހަމާކާއި 10 ލިޓަރުގެ ހަމެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މީގެ އިތުރުން ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 52 އަހަރުގެ މިހަކާއި 17 އަހަރުގެ ކުއްޖަކު ވަނީ މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ 5 ޕެކެޓާއި އެކު އަތުލައިގެންފައެވެ.
ނިމިގެންދިޔަ ރިއާސީ އިންތިހާބް ދުވަސްވަރާއި ދިމާކޮށް ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އައްޑޫއަށް އެތެރެކޮށްފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ވޯޓުލީ ދުވަހު ގިނަ ބަޔަކު މަސްތުގެ ހާލު މަގުމަތީ އުޅުނު މަންޒަރު ވަނީ ފެނިފައެވެ.