ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެއްޖެއެވެ.
އުމުރުން 34 އަހަރުގެ މެސީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ރޭ ވަނީ ހަމަވެފައެވެ. އެއާއެކު މެސީ އަކީ މިހާރު ފްރީ އެޖެންޓެކެވެ.
ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން އާ ކޮންޓްރެކްޓްގެ ކަންކަން ނިންމަން ބާސާ އިން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެކަން އެގޮތަށް ނުވީ ކްލަބުގެ މާލީ ހާލަތު މިވަގު ހުރި ގޮތުން ބައެއް ކަހަލަ އުނދަގޫތަކެއް ކުރިމަތިވުމުން ކަމަށްވީ ނަމަވެސް ބާސާ އިން އަންނަނީ މެސީގެ އެޖެންޓާއެކު އާ ކޮންޓްރެކްޓުގެ މަޝްވަރާތައް ކުރަމުންނެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން މެސީ ބާސާ އާއެކު ދެން ހަދާނީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ.
ކޮޕަ އެމެރިކާގައި ކުޅުމަށް މިވަގުތު މެސީ ހުރީ އާޖެންޓީނާގެ ގައުމީ ޓީމާއެކު ކަމަށްވާއިރު، މިދިޔަ އަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވަނީ ބާސާ ދޫކޮށްލަން މަސައްކަތްކޮށްފައެވެ. އެގޮތުން ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ ރަސްމީކޮށް އެ ކްލަބަށް އެންގި ނަމަވެސް ކްލަބުން އެ ފުރުސަތު ނުދިނުމުން މެސީ އެންމެފަހުން ނިންމީ ބާސާގައި މަޑުކުރުމަށެވެ.
ބާސާ އަށް މިހާތަނަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ 600 އަށް ވުރެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.