ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަމުން އަންނަކަމަށް އެމްޓީސީސީން ބުނެފައިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.