އިންޑޮނޭޝިއާ އަދި އެމެރިކާއިން ދެކުނު ޗައިނާ ކަނޑު ކައިރީގައި މެރިޓައިމް ޓްރޭނިން ސެންޓަރެއް ގާއިމު ކުރުމަށް ނިންމައިފިއެވެ.
އިންޑޮނޭޝިއާގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ މި މެރިޓައިމް ޓްރޭނިން ސެންޓަރަކީ 3.5 މިލިއަން ޑޮލަރުގެ ސެންޓަރެއްކަމަށެވެ.
މި މެރިޓައިމް ސެންޓަރު އެޅުމަށް ނިންމާ ބޭއްވި ރަސްމިއްޔާތުގައި އެމެރިކާއިން އިންޑޮނޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރު ސިން ކިމް ވިދާޅުވެފައިވަނީ، މި މެރިޓައިމް ޓްރޭނިން ސެންޓަރަކީ ސަރަހައްދުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭނެ ފިޔަވަޅެއްކަމަށެވެ.
އެމެރިކާ އަދި އިންޑޮނޭޝިއާއިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި މެރިޓައިމް ޓްރޭނިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައި މިވަނީ، އެ ސަރަހައްދުގައި ޗައިނާގެ އުޅަނދުފަހަރު އިތުރުވެ އެސަރަހައްދުގެ އިތުރު ގައުމެއްކަމަށްވާ ފިލިޕިންސުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އަދި މިކަމުގެ ސަބަބުން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ނުތަނަވަސްކަން އުފެދޭފަދަ ކަންކަން ނުކުރުމަށް ޗައިނާއާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ދެމެދުގައި އޮތީ މިދިޔަ މަހުގެ ކުރީކޮޅު އެއްބަސްވުމަކަށްވެސް އާދެވިފައެވެ.