Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

އިންޑިއާ އެމްބަސީން ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ނަހަމަގޮތުގައި ބޭނުންކޮށްފައި: ޑރ. ދީދީ

ޑރ. އަހުމަދު އަބްދުالله ދީދީ--

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވިއެނާ ކޮންވެންޝަނުން ލިބިދޭ ޑިޕްލޮމެޓިކް އިމިއުނިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ މެމްބަރުންނާއި ސްޓާފުންނާއި މެދު ނަފްރަތު އުފައްދަން ރާއްޖޭގެ ބައެއް މީޑިޔާތަކުން އާޓިކަލްތައް ލިޔެ އަދި ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާ ގުޅިގެން ފިޔަވަޅު އަޅައިދޭން އެދި އިންޑިއާ އެމްބަސީން ފޮނުވި ސިޓީއާ ހަވާލާދީއެވެ.

އެގޮތުން ޑރ. ދީދީ ވިދާޅުވެފައިވަނީ، އިންޑިއާ އެމްބަސީގެ ސިޓީގައި ޙަވާލާދެވޭ، ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގެ ދަށުން ލިބިދޭ ޑިޕްލޮމެޓިކް އިމިޔުނިޓީ ޙުއްޖަތަކަށް ހަދައިގެން އެ ކޮންވެންޝަންގެ 41 (1) ވަނަ މާއްދާގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކުން ރެކުމުގެ ޙައްޤެއް އިންޑިއާ އެމްބަސީއަކަށް ލިބިގެން ނުވާ ކަމަށެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙްތިރާމްކުރުމާއި، ރާއްޖޭގެ ދާޚިލީކަންތަކުގެ ތެރެއަށް ނުވަނުމަކީ އިންޑިއާ އެމްބަސީގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށް ޑރ. ދީދީގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

"އެހެންކަމުން، “އެމްބަސީގެ ކަރާމަތަށް ދެވޭ ޙަމަލާއެއް” ހުއްޓުވުމުގެ ނަމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮނިޔަތުގައި އަދާކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް އެދުމަކީ ބުނެވުނު ކޮންވެންޝަންގެ 41 ގެ (1) އާ ޚިލާފަށް، އިމުޔުނިޓީ ނަހަމަގޮތުގައި ބޭނުންކުރުން." ޑރ. ދީދީގެ ޓްވީޓްގައިވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް އިންޑިއާގެ ހައި ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނީ ހައިކޮމިޝަނުގެ އިސްވެރިންނާއި، މެމްބަރުންނާއި އަދި ޑިޕްލޮމެޓިކް ސްޓާފުންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ލިޔުންތަކާއި ސޯޝަލް މީޑިއާތަކުގައި ޕޯސްޓުތަކެއް ކޮށްފައިވާކަން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އެ ފަރާތްތަކުގެ އަގުވައްޓާލުމުގެ ނިޔަތުގައި ކޮށްފައިވާ، ވަރަށް ބޮޑަށް ޒާތީ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މިފަދަ އާޓިކަލްތަކާއި ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަކީ އިންޑިއާ އާއި ހައިކޮމިޝަނުގެ އިސްވެރިންނާއި، މެމްބަރުން އަދި ޑިޕްލޮމެޓިކް ސްޓާފުންނާއި މެދު ނަފްރަތު އުފައްދައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ފަދަ ކަންކަން ކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެއާއެކު އެ ސިޓީގައި ވަނީ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" ގެ 29 ވަނަ މާއްދާގެ ދަށުން މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.