Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ފްލެޓް ލިބުނު ފަރާތްތަކަށް އެސްޓީއޯއިން ހާއްސަ ޕްރޮމޯޝަނެއް

ހިޔާ ފްލެޓާއި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޕްރޮމޯޝަން ފަށާފައިވަނީ ބްރާސްފަތި ދުވަހުއެވެ.

މި ޕްރޮމޯޝަންގެ ދަށުން ތަފާތު ތިން ޕެކޭޖެއްގެ ތެރެއިން ތަކެތި ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ފަނަރަ އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭ މި ޕެކޭޖްތަކަށް ނަން ދެވިފައިވަނީ ރިހި، ރަން، އަދި ހުދު ރަނެވެ. މި ޕްރޮމޯޝަން ނިމުމުން ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށްވެސް ފައިސާގެ އިނާމާއި ތަކެތީގެ އިނާމު ކަނޑައެޅިފައިވެއެވެ.

އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭއިރު ތިންވަނައަށް ހޮވޭ ފަރާތަށް ކަނޑައަޅާފައިވަނީ 5،000 ރުފިޔާގެ ވޮއުޗަރއެއް ލިބޭނެކަމަސް އެސްޓީއޯއިން މައުލޫމާތުދެއެވެ. މި ވޮއުޗަރގެ ބޭނުންކުރައްވައިގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ލިބިވަޑައިގަންނަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

"މި ޕްރޮމޯޝަންގަ ބައިވެރިވެވޭނެ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ނަންގަވާ ފަރާތްތަކަށްވެސް" އެސްޓީއޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ތަކެތި ގެންގޮސްދިނުމަށްވެސް ނިންމާފައިވާކަމަށާއި، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.