އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރުމަށް އެމްޑީޕީގެ އެތެރޭގައި ބޭއްވި ޕްރައިމަރީ ކާމިޔާބް ކުރި ފަރާތްތަކާއި ރަސްމީކޮށް ޕާޓީ ޓިކެޓް ހަވާލުކޮށްފިއެވެ.
ރޭ އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑޭޓުންނާއި ޓިކެޓް ހަވާލުކޮށްދެއްވީ އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމްއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ 6 ގޮޑިއަށް އެމްޑީޕީން ވާދަކުރެއެވެ. އެގޮތުން ދެކުނު ދާއިރާގެ ގޮޑި މިހާރު އެދާއިރާ ތަމްސީލު ކުރާ ހުސެއިން ފަހުމީ އާއި ވާދަކޮށް ކާމިޔާބްކޮށްފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ރައީސް ކަން ކުރަމުން އަންނަ މުހައްމަދު ޔަސްރިފްއެވެ.
ހުޅުމީދޫ ދާއިރާގެ ގޮޑި ކާމިޔާބްކޮށްފައިވަނީ އެދާއިރާގެ އަވަށު ބޯޑުގެ ނައިބް ރައީސް އަލީ މުހައްމަދުއެވެ. އަދި ފޭދޫ ދާއިރާ ކާމިޔާބް ކޮށްފައިވަނީ އަބްދުﷲ އަސްވާން (އަތޯ)އެވެ.
މަރަދޫ ދާއިރާ އަބްދުﷲ ޠޮއްޔިބް (ޓޮމް) ކާމިޔާބް ކޮށްފައިވާ އިރު މެދު ދާއިރާ ޓިކެޓް ލިބިފައިވަނީ މިހާރުވެސް އެދާއިރާގެ ގޮޑީގައި ހުރި ހުސެއިން ހިލްމީއަށެވެ. ހިތަދޫ އުތުރު ދާއިރާއިން ޕްރައިމަރީގައި މީހަކު ވާދަ ނުކުރާތީ އެދާއިރާގެ ޓިކެޓް އޮޓަމެޓިކުން ލިބިފައިވަނީ މިހާރުގެވެސް އެދާއިރާ ކައުންސިލަރ އަދި އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)އެވެ.
މީގެ ތެރެއިން އަބްދުﷲ އަސްވާން އާއި އަލީ މުހައްމަދު އަދި ޔަސްރިފް އަކީ އަލަށް ކައުންސިލަށް ވާދަ ކުރާ ތިން މީހުންނެވެ.
ރޭގެ ރަސްމިއްޔަތުގައި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ހޮވިއްޖެނަމަ އައްޑޫއަށް ތަރައްޤީ ގެނެސްދޭނެކަމަށް ބުނެފައެވެ.