ޕީއެސްޖީ އަށް ބަދަލުވާން ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އެއްބަސްވެއްޖެއެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އައި ރާމޯސް ވަނީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން، ކޮންޓްރެކްޓް އާނުކޮށް އެ ކްލަބު ދޫކޮށްލަން ނިންމާފައެވެ.
އުމުރުން 35 އަހަރުގެ ރާމޯސް ގެންނަން ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ރާމޯސް ހޯދުމުގެ ރޭސް ޕީއެސްޖީން ކާމިޔާބުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ރާމޯސް ޕީއެސްޖީ އަށް ބަދަލުވާން ނިންމާފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ރާމޯސްގެ އެޖެންޓް މިއަދު ވަނީ މި ޓްރާންސްފާގެ ކަންކަން ފުރިހަމަ ކުރުމަށް ފްރާންސްގެ ވެރިރަށް ޕެރިހަށް ގޮސްފައެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްޖީން އަންނަނީ އެޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާމޯސްގެ އިތުރުން ޕީއެސްޖީން ވަނީ އޭސީ މިލާނަށް ކުޅެމުން އައި ހުނަރުވެރި ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އާއި އިންޓަމިލާނަށް ކުޅެމުން އައި ޑިފެންޑަރު އަޝްރަފް ހަކީމީ އާއި ލިވަޕޫލަށް ކުޅެމުން އައި މިޑްފީލްޑަރު ވައިނަލްޑަމް ވެސް ގެނައުމަށް ނިންމާފައެވެ.