Last Updated: May 2, 10:57
Thursday, May 2, 2024
ޚަބަރު

ފޭދޫގެ ވަކި ސަރަހައްދެއްގައި ފެން ބޮޑުވަނީ

ސްރީލަންކާ ސަރުކާރުން ހެދި ފޭދޫ ބޮޑުމަގުގެ ވަކި ސަރަހައްދެއްގައި ފެން ބޮޑުވެ އެހިސާބު ގަނޑުގެ ގޭގެއަށް ފެންވަންނަމުން ދާކަމުގެ ޝަކުވާ ކުރަންފަށައިފިއެވެ.

ފޭދޫ ބޮޑުމަގުގެ "ސީމީ" ފިހާރަ އާއި އަލަށް ހުޅުވި "ކޭ ގްލެމާ" ދޭތެރޭ ސަރަހައްދުގައި ވާރޭ ވެހި ފެން ބޮޑުވެ އެހިސާބު ގަނޑުގެ ގޭގެއަށް ފެން ވަންނަމުންދާ ކަމުގެ ޝަކުވާ ކަމާއި ބެހޭ ފަރާތްތައް ވެސް ވަނީ ހުށަހަޅާފައެވެ.

އެހިސާބުން ވާހަކަ ދެއްކި މީހަކު ބުނީ ވާރޭ ފެން ފޮދެއް ވެހިލާއިރަށް އެހިސާބުގައި ފެން ބޮޑުވާ ކަމަށެވެ.

"ވާރޭ ވެހިލާއިރަށް ހުރިހާ ފެން އައިސް ޖަމާވަނީ މި ސަރަހައްދަށް. ދެން ދުއްވާ އެއްޗެހި ދުއްވުމުން ފެންގަނޑު ގޭތެރެއަށް ވަންނަނީ. މިކަމަށް ހައްލެއް ހޯދުމަށް އެތައް ފަހަރަކު ރަށު އޮފީހަށް (އަވަށު އޮފީސް) ގޮސްފިން"

ފޭދޫ ބޮޑުމަގުގައި ފެންގަނޑު ހެދުމުގެ ސަބަބުން އެހިސާބުގަނޑު ގޭގެއަށް ފެން ވަންނާތީ ސިފައިން ބައެއް ފަހަރު ނިކުމެ ބަސްތާ ޖަހާދީފައި އެބަވެއެވެ.

ފޭދޫ ބޮޑުމަގުގައި ފެން ބޮޑުވާ މައްސަލަ އާއި ބެހެގޮތުން ކައުންސިލަރ މިރުޒާދުގެ ބަހެއް ލިބެތޯ ކުރި މަސައްކަތްވަނީ ކާމިޔާބްވާ ގޮތް ނުވެފައެވެ،

ނަމަވެސް މަރަދޫ ދާއިރާގެ ކައުންސިލަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ ފޭދޫން ފެންބޮޑުވާ ސަރަހައްދަށް ހައްލެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓޮމް ވިދާޅުވީ ފޭދޫ ސީމީ ފިހާރަ ސަރަހައްދުގައި ފެން ބޮޑުވަނީ އެސަރަހައްދުގެ ބިންގަނޑަކީ ޗަސްބިމަކަށްވެފައި އޭގެ ޒާތުގައި ފެން ހިނދެމުން ނުދާތީ ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލުން އެބަ މަސައްކަތް ކުރަން އެކަން ހައްލު ކުރުމަށް، މިހާރު މި ބަލަނީ ވަކި ޖަންކްޝަނެއް ހަދައިގެން ފެން ހިންދޭނެ ގޮތެއް ހޯދުމަށް"

ޓޮމް ވިދާޅުވީ ފޭދޫ ބޮޑުމަގުގައި ފެން ބޮޑުވުމުގެ ސަބަބުން ގިނަ އާއްމުންނަށް އެކަމުގެ ގެއްލުން ވަމުން އަންނަ ކަމަށެވެ. އެހެންވެ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް ރޯޑު ކޯޕަރޭޝަނާއި ގުޅައިގެން އެސަރަހައްދަށް ޖަމާވާ ފެންގަނޑު ނެގުމަށް އެދިފައިވާނެކަމަށެވެ.

ފޭދޫގެ ބައެއް މީހުން ބުނަނީ މަގު ހެދި އިރު ބަލަންވާ ވަރަށް ބަލާ ދިރާސާ ކުރި ނަމަ މަގުގެ ވަކި ތަނެއްގައި ފެންގަނޑު ހެދެން ނުޖެހޭކަމަށެވެ. އަދި ފެންގަނޑު ހެދުނަސް އެފެން ހިންދޭނެ ނިޒާމެއް ގާއިމް ވާން ޖެހޭނެކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލަރުންގެ ތެރެއިން ފޭދޫ ދާއިރާގެ ކައުންސިލަރ އަހްމަދު މިރުޒާދުގެ ފަރާތުން ކައުންސިލަށް އެއްބާރު ލުނުް ނުލިބޭ އިރު އޭނާ އޮފީހަށް ހާޒިރު ވަނީ ވަރަށް މަދުންނެވެ. އެހެންވެ ފޭދޫގެ ކަންކަން ނިންމުމުގައި ކައުންސިލަށް އުނދަގޫވާކަމަށް ކައުންސިލުން ބުނެއެވެ.