ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އަށް ވުރެ މޮޅު ޓީމެއް ނެތް ކަމަށް އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ޔޫރޯގެ ކުއާޓާފައިނަލްގައި ސްވިޒަލޭންޑާއި ދެކޮޅަށް ސްޕެއިން މިރޭ ނިކުންނައިރު، އެޓީމު ކުއާޓާ އަށް ދަތުރުކުރީ ކްރޮއޭޝިއާގެ މައްޗަށް 5-3 އިން ކުރި ހޯދައިގެންނެވެ. އަދި ސްވިޒަލޭންޑް ކުއާޓާ އިން ޖާގަ ހޯދީ މުބާރާތުގެ އެންމެ ބޮޑު ފެވަރިޓުންގެ ތެރޭގައި ހިމެނެނު ފްރާންސް ކަޓުވާލުމަށްފަހު އެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޔޫރޯގެ ކުއާޓާފައިނަލްގައި މިވަގުތު ތިބި ޓީމުތަކުގެ ތެރޭގައި ސްޕެއިނަށް ވުރެ މޮޅު ޓީމެއް ފެނިފައިވޭތޯ އެންރީކޭއާ ސުވާލުކޮށްފައެވެ. އެގޮތުން އިރުކޮޅަކަށް ވިސްނުމަށްފަހު އެންރީކޭ ވަނީ އެފަދަ ޓީމެއް ނެތް ކަމަށް ބުނެފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ޓީމަށް އެންރިކޭ ތައުރީފު ކުރިއިރު އޭނާ ވަނީ ވަކިން ހާއްސަކޮށް އެޓީމުގެ ޑިފެންސަލައިނުގެ މަސައްކަތް ފާހަގަކޮށްފައެވެ.
"ސްޕެއިން އަކީ އެއްވެސް ޝައްކެތް ވެސް ނެތް ގޮތުގައި އެންމެ މޮޅު އެއް ޑިފެންސިވް ޓީމު. ވަރަށް ހިތްހަަމަޖެހޭ ކްރޮއޭޝިއާ މެޗުގެ ފަހުކޮޅު ޑިފެންސް މެނޭޖް ކުރި ގޮތާއި މެދު" އެންރީކޭ ބުންޏެވެ.
ސްވިޒަލޭންޑް ޓީމާއި ގުޅޭގޮތުން ވާހަކަދައްކަމުން އެންރީކޭ ބުނީ ސްވިޒަލޭންޑަކީ ޔޫރަޕްގައި މިވަގުތު އޮތް އެންމެ މޮޅު އެއް ޓީމު ކަމަށާއި އެޓީމު އޮތީ ސްޕެއިނާއި އެއް ލެވެލްއެއްގައި ކަމަށެވެ. އަދި ސްވިޒަލޭންޑް ޓީމުގައި ހުރީ ތަޖުރިބާކާރު ކޯޗެއްކަން ފާހަގަކޮށް އެންރީކޭ ވަނީ އެޓީމުން ސްޕެއިނަށް މިރޭ ގިނަ އުނދަގޫތަކެއް ކުރާނެ ކަމަށްވެސް ބުނެފައެވެ.
ސްޕެއިން އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރުއެވެ.