ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި ބެލްޖިއަމްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެޑެން ހަޒާޑް އާއި ކެވިން ޑި ބްރޭނާ ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
މި ދެ ކުޅުންތެރިންނަށް އަނިޔާވެފައިވަނީ މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލްގެ މައްޗަށް 1-0 އިން ބެލްޖިއަމް އިން ކުރި ހޯދި މެޗުގައެވެ. މި ދެ ކުޅުންތެރިން ވެސް އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ އެ ދެ ކުޅުންތެރިންނަށް ވެސް ސްކޮޑާއެކު ފަރިތަކުރުންތައް އަދި ކުރިއަށް ގެންދެވޭ ގޮތް ނުވެފައިވާ ކަމަށާއި އެއީ ކުރިން ވެސް ހީކުރެވިފައިވާ ކަމެއް ކަމަށެވެ.
"އަދި އެބައޮތް ބާކީ 24 ގަޑިއިރު. އަހަރުމެންނަށް އިނގޭ ވަގުތާއި ދެކޮޅަށްކަން މަސައްކަތް ކުރަން ޖެހިފައިމިވަނީ. އެ ދެ ކުޅުންތެރިންނާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު" މާޓިނޭޒް ބުންޏެވެ.
އަނިޔާގެ ސަބަބުން ބެލްޖިއަމް އިން މުބާރާތުގެ ފުރަތަމަ މެޗުގައި ރަޝިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޑި ބްރޭނާ ކުޅެފައެއް ނުވެފައެވެ. ނަމަވެސް ޑެންމާކް އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގައި ކުޅެން އަރައި ޑި ބްރޭނާ ވަނީ އެ މެޗުން ބެލްޖިއަމް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އަނިޔާގެ ގިނަ މައްސަލަތަކެއް މިދިޔަ ސީޒަނުގައި ކުރިމަތިވި ހަޒާޑް ވަނީ އަނިޔާތަކުން ރަނގަޅުވެ މި މުބާރާތުގައި މިހާތަނަށް ބެލްޖިއަމް އިން ކުޅުނު ހުރިހާ މެޗެއްގައި ވެސް ކުޅެފައެވެ.
ބެލްޖިއަމް އާއި އިޓަލީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.