ގްލޯބަލް ލިންކް ޗެލެންޖްގެ ފައިނަލްގައި ދިފޭދޫ ޕެނަލްޓީ ޖަހައިގެން ދެރަކޮށް އެންމެ ފަހުގެ ޗެމްޕިއަން މަލްޓީ ޖީނިއަސް ދެވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.
ބޯ ކޮށް ވާރޭ ވެހި ދަނޑުގައި ފެންހެދިފައި އޮވެ ކުޅުނު މި މެޗްގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހާކުރި ހޯދީ ހިތަދޫ މަލްޓިޖީނިއަސްއިންނެވެ. މެޗްގެ 20 ވަނަ މިނިޓްގައި މަލްޓި ޖީނިއަސްއަށް ލީޑު ހޯދައި ދިނީ އިމްރާން ރަޝީދުއެވެ.
ނަމަވެސް މެޗްގެ 42 ވަނަ މިނިޓްގައި ދިފޭދޫގެ ރިޟުވާން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި މަލްޓީ ޖީނިއަސްއިން ކުރި ހޯދާފައިވަނީ 6-5 ލަނޑުންނެވެ.
ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ)އެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވޮފައިވަނީ މަލްޓި ޖީނިއަސްގެ ޝަމްވީލް ގާސިމް (ބޮންޑާ)އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއާގެ އިތުރުން އެންމެ ގިނަ ގޯލް ޖަހާފައިވަނީ ވެސް ކުރީގެ ގައުމީ ޓީމުގެ މެދުތެރެ ހިފެހެއްޓި ބޮންޑާއެވެ.
އެންމެ މޮޅު ޑިފެންޑަރަކީ މަލްޓި ޖީނިއަސްގެ އަބްދުﷲ ހަނީފް (ބެންޖޯ)އެވެ.
އެންމެ މޮޅު މިޑްފީލްޑަރަކީ ދި ފޭދޫގެ މުހައްމަދު ދީދީއެވެ. އެންމެ މޮޅު ފޯވަޑަކީ މަލްޓި ޖީނިއަސްގެ އިބްރާހިމް މުހައްމަދު އެވެ.
އެންމެ މޮޅު ކީޕަރަކީ ދިފޭދޫގެ މުހައްމަދު ފައިސަލް (ވިކްޓްރީގެ ކީޕަރު)އެވެ. އުއްމިދީ ކުޅުންތެރިއަކީ ނިއުފޭދޫ ހުސައިން ޝިއުސް (ބުއްލީ)އެވެ. ފެއާޕްލޭ ކުޅުންތެރިއަކީ މަލްޓި ޖީނިއަސްގެ އިމްރާން ނަޝީދުއެވެ.
މި މުބަރާތުގެ ރަނައަޕް ޓީމަށް ގްލޯބަލް ލިންކްސްއިން ހުށަހަޅާފައިވަނީ 50،000 ރުފިޔާއެވެ.
ޗެމްޕިއަން ޓީމަށް މިފަހަރު ހުށަހަޅާފައިވަނީ 150،000 ރުފިޔާއެވެ.