ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 31 އަހަރުގެ ކްރޫސް ބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން މާކުރިން ވެސް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ހުރިހާ ފޯކަސްއެއް ކުރަން ބޭނުންވަނީ ރެއާލް މެޑްރިޑާއެކު ހާސިލުކުރަން ބޭނުންވާ ކަންކަމަށާއި އާއިލާއެކު ވަގުތު ހޭދަކުރުމަށް ކަމަށް ކްރޫސް ބުންޏެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިދިޔަ ހަފްތާގައި އިންގްލޭންޑް އަތުން 2-0 އިން ބަލިވެ ޖަރުމަނު ވަނީ މުބާރާތުން ކަޓާފައެވެ.
ކްރޫސް ޖަރުމަނު ޓީމަށް ފުރަތަމަ ކުޅެން ފެށީ 2010 ވަނަ އަހަރު ކަމަށްވާއިރު، އޭނާ ވަނީ ޖުމްލަ 106 މެޗު އެޓީމަށް ކުޅެދީފައެވެ. އަދި ކްރޫސް ވަނީ 2014 ވަނަ އަހަރު ޖަރުމަނު ޓީމާއެކު ވޯލްޑް ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ.
ގައުމީ ޓީމަށް ކްރޫސް ކުޅުން ހުއްޓާލާފައިމިވަނީ އަންނަ އަހަރު ވޯލްޑް ކަޕް ކުރިއަށް އޮއްވައެވެ. އެ މުބާރާތުގައި ޖަރުމަނު ޓީމަށް އިރުޝާދު ދޭނީ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ހަންސީ ފްލިކް އެވެ.