ޕެނަލްޓީގައި 3-1 އިން ސްވިޒަލޭންޑް ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ.
މިއީ 2012 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއް ސެމީފައިނަލަށް ސްޕެއިން ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ސެމީގައި ސްޕެއިން ނިކުންނާނީ އިޓަލީ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މިރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.
ރަޝިއާގައި މިރޭ ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި ސްޕެއިން އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލަކީ ސްވިޒަލޭންޑްގެ ޒަކަރިޔާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެގޮތުން މި ގޯލު ވަދެފައިވަނީ އަލްބާ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ޒަކަރިޔާގެ ފައިގައި ޖެހިފައެވެ.
މި ގޯލަށްފަހު ފުރަތަމަ ހާފްގައި ސްޕެއިނަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އޮލްމޯ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އޮލްމޯ ފޮނުވާލި އެ ހަމަލާ އަމާޒުވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްވިޒަލޭންޑްގެ ކީޕަރު ސޮމާގެ އަތަށެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ސްވިޒަލޭންޑުން ވެސް ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 68 ވަނަ މިނެޓްގައި ޝަގީރީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލު ޝަގީރީ ކާމިޔާބުކުރީ ސްޕެއިންގެ ޑިފެންސްލައިނަށް ހެދުނު ގޯހެއް ފައިދާ ނަގައިގެންނެވެ.
ނަތީޖާ އެއްވަރުކުރިތާ 10 މިނިޓް ފަހުން ސްވިޒަލެންޑްގެ ފްރިއުލާ އަށް ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ސްޕެއިންގެ ފޯވާޑް ޖެރާޑް މޮރޭނޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ސްވިޒަލޭންޑުން ފުރިހަމަ ކުރަން ޖެހުނު ނަމަވެސް އެޓީމުން ވަނީ 90 މިނެޓްތެރޭ ސްޕެއިނަށް އިތުރު ގޯލެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.
ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނުއިރު، ސްޕެއިނަށް ވަނީ މި ދެ ހާފުގައި ވެސް ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ވެސް ގޯލު ކުރިމަތީ ހުހަށް ހުރެ ޖެރާޑް މޮރޭނޯ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖެހިިއިރު ސްޕެއިން އިން ފުރަތަމަ ސާޖިއޯ ބުސްކެޓްސް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސްވިޒަލެންޑްގެ މާރިއޯ ގަވްރާނޮވިޗް ޖެހި ޕެނަލްޓީ ކާމިޔާބުވި ނަމަވެސް އޭގެ ފަހުން އެ ޓީމުގެ އަކަންޖީ އާއި ފަބިއަން ޝާ ޖެހި ޕެނަލްޓީ ދިފާއުކުރީ ސްޕެއިންގެ ކީޕަރު ސިމޯން އެވެ. އަދި ސްވިޒަލޭންޑްގެ ވާގަސް ޖެހި ޕެނަލްޓީދިޔައީ ދަނޑި މަތިން ބޭރަށެވެ. ސްޕެއިން އިން ދެން ނާކާމިޔާބުވީ ރޮޑްރީ ފޮނުވާލި ޕެނަލްޓީ އެވެ. ސްޕެއިނުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އޮލްމޯ އާއި މޮރޭނޯ އަދި އޮޔާޒަބާލްއެވެ.