2-1 އިން ބެލްޖިއަމް ކަޓުވާލުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އިޓަލީ ދަތުރުކޮށްފިއެވެ.
މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ސެމީ އަށް އިޓަލީ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި އިޓަލީ ބައްދަލުކުރާނީ ސްޕެއިން އާއެވެ.
ޖަރުމަނުގެ މިއުނިކް އެރީނާގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ ކުރީކޮޅު ބެލްޖިއަމް އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އިޓަލީގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ލުކާކޫ އާއި ޑި ބްރޭނާ ފޮނުވާލި ނުރައްކާތެރި އެ ދެ ހަމަލާ ވެސް ދިފާއުކުރީ އިޓަލީގެ ޒުވާން ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އެވެ.
ބެލްޖިއަމް އިން މި ދެ ފުރުސަތު ތަނަވަސްކުރިއިރު މެޗުގެ 31 ވަނަ މިނެޓްގައި ނިކޮލޯ ބަރެއްލާ ވަނީ އިޓަލީ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލޮރެންޒޯ އިންސިންޔޭ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އިޓަލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިޓަލީން ނިންމާލުމާ ގާތަށް ދިޔައިރު، ހާފްގެ ފަހު ވަގުތުކޮޅުތެރޭ ބެލްޖިއަމް އަށް ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
އަދި ދެވަނަ ހާފްގައި ބެލްޖިއަމް އިން ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ލުކާކޫ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސްޕިނަޒޯލާ ދިފާއުކުރިއިރު ޗަޑްލީ ނަގައިދިން ނުރައްކާތެރި ހުރަސް ދިޔައީ އިޓަލީގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުހަށް ހުރި ލުކާކޫގެ ބޯމަތިންނެވެ.
މި ދެ ފުރުސަތަށްފަހު ބެލްޖިއަމް އަށް މާ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައި ނުވާއިރު، އިޓަލީގެ ޑިފެންސްލައިންގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ހުނަރު މިރޭގެ މެޗުގައި ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.