1-0 އިން ޗިލީ ބަލިކުރުމަށްފަހު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ.
ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ލޫކަސް ޕަކޭޓާ ވަނީ ބްރެޒިލް އަށް ލީޑު ނަގާދީފައެވެ. އޭނާ މި މެޗުގައި ކުޅެން އަރާފައިވަނީ ރޮބާޓޯ ފަމީނޯގެ ބަދަލުގައި ދެވަނަ ހާފުން ފެށިގެންނެވެ.
ބްރެޒިލް އިން މެޗުގެ ލީޑު ނެގިތާ ދެ މިނެޓްފަހުން ރެފްރީ ވަނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސެސް އަށް ރަތްކާޑު ދައްކާފައެވެ. ގެބްރިއަލް އަށް ރަތްކާޑު ދެއްކީ ޗިލީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނު ބްރެޒިލްގެ ލީޑު ފުޅާކޮށްލަން މެޗުގެ 67 ވަނަ މިނެޓްގައި ނޭމާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ދިފާއުކޮށްފައެވެ.
ނަތީޖާ އެއްވަރުކުރުމަށް ފަހު 20 މިނެޓްގައި ޗިލީން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އެޓީމުގެ ބްރެޓޭޓަން ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ވިޑާލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބްރެޒިލްގެ ކީޕަރު އެޑަސަން ވެސް ވަނީ ދިފާއުކޮށްފައެވެ.
މިއީ ޗިލީގެ މައްޗަށް ބްރެޒިލް އިން ކޮޕަ އެމެރިކާގައި ޖެހިޖެހިގެން ހޯދި ފަސްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ ސެމީގައި ބްރެޒިލް ބައްދަލުކުރާނީ ޕެރޫއާއެވެ.