ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގު ކުރިއަށްދާގޮތް ގާތުން ބެލުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނު ކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފިއެވެ.
އައްބާސް ފާއިޒް ރާއްޖެ ވަޑައިގެންފައިވަނީ ހުކުރު ދުވަހުގެ ހެނދުނުއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ބޮމުގެ ހަމަލާއާ ގުޅިގެން، ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރުކުރައްވާނެކަމަސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް އައްޔަނު ކުރައްވާފައިވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.