Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ރައީސް ޔާމީނަކީ ޤާނޫނުތަކާ ހިލާފުވާނެ ބޭފުޅެއް ނޫން: އާދަމް ޝަރީފް

ފޮޓޯ: ވަން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ޤާނޫނުތަކާ ހިލާފުވާނެ ބޭފުޅެއް ނޫންކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމިންގެ އެންގެވުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ޕްރެޝަރު ކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށްބުނެ ފެތުރޭ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވެފައިވަނީ އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ރައީސް ޔާމީން ޖަލުގައި ހުންނެވިއިރުވެސް ޕީޕީއެމް ޕީއެންސީން ސިޔާސީ ހަރަކާތް ހިންގެވިކަމަށެވެ.

"ލޮކްޑައުން ނިމޭއިރަށް ސިޔާސީ ހަރަކާތް ފައްޓާނެ. އެއީ ރައީސް ޔާމީން އަންގަވައިގެނެއް ނޫން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ އެއް އިރަކުވެސް ޤާނޫނާ ހިލާފުވާނެ ބޭފުޅެއް ނޫންކަމަށެވެ.

ރައިސް ޔާމީން ޤާނޫނާ ހިލާފުނުވާނެ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޓްވީޓް ކުރެއްވިއިރު ރައީސް ޔާމީން މިވަގުތުވެސް އަންނަވަނީ މަނިލޯންޑްރިންގެ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކުގެ ޝަރީއަތްތައްވެސް އަދި ތަހުގީގުވެސް އަންނަނީ ކުރިއަށެވެ.