ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ، "ޝައިތާނީ ބިލު"ގެ ގޮތުގައި ޑރ. މުހައްމަދު އިޔާޒް ސިފަކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމަށް ވަކިކުރި ޑރ. އިޔާޒު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މަޖިލީހުގައި އޮތް "ޝައިޠާނީ ބިލްގެ" ފޯކަސް ގެއްލުވާލުމަށް ލާދީނީ މީހުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.
މި ބިލް ފާސްވެގެން ގާނޫނަކަށް ވެއްޖެނަމަ އެއީ ލާދީނީ މީހުންނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެކަމަށާއި، އެހެންކަމުން ހުރިހާ ބޭފުޅުން މި ބިލާއި ދެކޮޅު ހެދުމަށް ޑރ. އިޔާޒް ގޮވާލާފައިވެއެވެ.
މިހާރު @mvpeoplesmajlis ގައި އޮތް ޝައިޠާނީ ބިލްގެ “ފޯކަސް” ގެއްލުވާލުމަށް “ލާދީނީ މީހުން” ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދޭ. މި ބިލް ފާސްވެގެން ގާނޫނަކަށް ވެއްޖެނަމަ އެއީ “ލާދީނީ މީހުންނަށް” ލިބޭ ވަރަށް ބޮޑު ކާމިޔާބެއް. ވީމާ, ހުރިހާ ބޭފުޅުންވެސް މިޔާއި ދެކޮޅު ހައްދަވާ.
— Dr.Mohamed Iyaz (@dr_iyaz) July 3, 2021
އަންހެން ކުދިން ހިތާނު ކުރުމަށް ބާރުދީ ޓްވީޓްކުރި މައްސަލައިގައި ޑރ. އިޔާޒަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔައިރު އޭނާގެ މައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ ނިންމާފައެވެ.
ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ އެ އިސްލާހުގެ އެއްވަނަ ނަމްބަރަށެވެ. އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. ފާޑުކިޔުންތަކުގެ ސަބަބުން ޖުޑިޝަރީ ކޮމިޓީން ވަނީ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ކަނޑައެޅި މާއްދާ އުނިކުރަން ނިންމާފައެވެ. އަދި ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ އޭގެތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހެއްގެ އިސްލާމީ އަގީދާ އަށް ގެއްލުން ލިބިދާނެ ގޮތަށް އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވެސް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު އެމީހަކީ ކާފަރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއް ކަމުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ ތުހުމަތުކުރުން ކުށަކަށް ހަދަން ވެސް ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުންތައް އެ ކޮމިޓީން ވަނީ ފާސްވެސް ކޮށްފައެވެ.