މަގާމުގެ ބޭނުންކޮށްގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަތައް އޮޅުވާލާ ކަމަށްބުނެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ޝަރީފަށް ފާޑުވިދާޅުވެއްޖެއެވެ.
ޝަރިފް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދެމުން ގެންދާ ނުރައްކާތެރި އިންޒާރުތައް، މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކުއްވެރިކުރާ ކަމަށާއި އެކަން ފުލުހުން ބަލަމުން އަންނަކަމަށެވެ.
ޝަރީފްގެ ޓްވީޓަށް ރައްދު ދެއްވާ އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އިންޑިއާ ހައިކޮމިޝަނާއި ދެކޮޅަށް އެއްވެސް މީހަކު ނުރައްކާތެރި އިންޒާރު ނުދޭކަމަށެވެ. އަދި ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވުމަކީ ހަމަނުޖެހުން ހިންގުމަށް ގޮވާލުން ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.
އަދި އިންޑީއާ އައުޓް ކެމްޕޭނާ ޝަރީފް އެއްބަސްނުވުމަކީ، މަގާމުގެ ބޭނުންކޮށްގެން ވާހަކަތައް އޮޅުވާލަންޖެހޭ ކަމެއް ނޫންކަމަށްވެސް އުޝާމް ވިދާޅުވެފައިވެއެވެ.
No one is calling for violence against Indian High Commission or their officials. Campaigning for the expulsion of Indian military from Maldives is not a call for violence. Stop using your position to twist facts just bcos you don’t agree with the #IndiaOut campaign. https://t.co/V6V5MVP6L1
— Ahmed Usham (@a_usham) July 2, 2021
މިފަހުން އިންޑިއާ ހައިކޮމިޝަނާ ގުޅުވާ ދައްކާ ވާހަކަތަކުގެ ސަބަބުން އެ ކަންކަމުގެ ކަންބޮޑުވުން އިންޑިއާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީގައި ކޮށްފައިވެއެވެ. އަދި އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދޭދޭ ޤައުމުތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުން "ދިޔަރެސް" ނޫހުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން، ރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ކަމަށެވެ.
އެއާއެކު އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން މިނިސްޓްރީގައި އެދިފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދޭދޭ ޤައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ޤައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ، ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަޞައްވުރު ކިލަނބުވެ، ރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުޞަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.