ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެންމެ މާބަނޑު މީހުންގެ ޑޮކްޓަރެއް ހުރުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމަށް ނަންބަރު ހޯދުމުގައި ބޮޑެތ އުނދަގޫ ކުރިމަތިވެފައިވަނިކޮށް އަންހެނުންގެ ހާއްސަ ދެ ޑޮކްޓަރުން ހޮސްޕިޓަލާއި ގުޅި ހިދްމަތް ދޭން ފަށައިފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިއަދު ވިދާޅުވީ އަންހެނުންގެ ދެ ޑޮކްޓަރުން މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ބަލި މީހުން ބަލަން ފަށާފައިވާ ކަމަށެވެ. ހޮސްޕިޓަލަށް އަލަށް އައިސްފައިވަނީ އަންހެން ޑޮކްޓަރަކާއި ފިރިހެން ގައިނީ ޑޮކްޓަރެއްކަމަށް ހަފްސާ ވިދާޅުވިއެވެ.
ހަފްސާ ވިދާޅުވީ އާ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ ދާދި ފަހުން ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ ހޮސްޕިޓަލަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ.
"އަޅުގަނޑުމެން މިނިސްޓަރ ވަޑައިގަތީމަ، ޑޮކްޓަރުން ނެތް ވާހަކަ ދެންނެވިން. އެގޮތުން އަންހެނުންގެ ޑޮކްޓަރާއި ކަށީގެ ޑޮކްޓަރެއްގެ އިތުރުން ޕިޒިޝަނަކު ބޭނުންވާ ކަމަށް ދެންނެވިން. މިނިސްޓަރ ވިދާޅުވީ ވަރަށް އަވަހަށް އެމައްސަލަ ހައްލުކޮށްދެއްވާނެކަމަށް"
ހަފްސާ ވިދާޅުވީ އަންނަ ހަފްތާގައި ކަށީގެ ޑޮކްޓަރެއްގެ އިތުރުން ޗެސްޓް ފިޒިޝަނެއް ހޮސްޕިޓަލަށް އަންނާނެކަމަށެވެ. އަދި ހޮސްޕިޓަލް އެތެރޭގެ ބައެއް ތަން ތަނުން ވާރޭ ވެހޭ މައްސަލަ ހައްލުކުރުމަށްވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިތަދޫ ރިޖަނަލް ހޮސްޕިޓަލްގައި އެންމެ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ހުރުމުގެ ސަބަބުން މާބަނޑު މީހުން ޑޮކްޓަރަށް ދެއްވުން ވެފައިވަނީ ބޮޑު ވޭނަކަށެވެ. އަނެއްކޮޅުން އެކްސިޑެންޓް ގިނަ އައްޑޫގައި ކަށީގެ ހާއްސަ ޑޮކްޓަރަކު ނެތުމުން އެކްސިޑެންޓެއްވެ ހަށިގަނޑުގެ ތަންތަން ބިންދައިގެންދާ މީހުން ބޮޑު ހަރަދުކޮށްފައި ގެންނަންޖެހެނީ މާލެއަށެވެ. އެކަމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.