Last Updated: June 30, 10:48
Tuesday, June 30, 2026
ރިޕޯޓް

"ދަތުރު ފަތުރަށް ދިން ދޫގަސް"

ގަމުގެ ދޫގަސް.

އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ދަތުރުފަތުރު ކުރުމަށް އެމްވީކޭ ކުންފުންޏާއި ސަރުކާރުން ހަވާލުކުރީ އެކުންފުންޏަށް އައްޑޫގައި ހިންގަމުން ދިޔަ "ދޫގަސް" ގެސްޓް ހައުސް 50 މުއްދަތަށް ކުއްޔަށް ދިނުމަށްފަހުއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން 2 އޮކްޓޯބަރ 2009 ވަނަ އަހަރު ދޫގަސް އެމްވީކޭއަށް ދިނީ އޭސީސީންވެސް އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށެވެ. އޭރު ސަރުކަރުން ބުނެފައިވަނީ ދޫގަސް އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކުރީ ސަރުކާރުން އެތަން އަގު ކުރުމަށްފަހު ކަމަށެވެ. އަދި އެތަނުގެ އަގުކުރުމަށް އާނަސްޓް އެންޑް ޔަންގް އާއި ހަވާލުކުރި އިރު އެތަނުގެ ރަސްމީ އަގެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ދޫގަސް އެމްވީކޭ އާއި ހަވާލުކުރީ އަޑި ނޭގޭ "ޑީލެއް"ގެ ގޮތުގައި ކަމަށް ބުނެ އެމައްސަލަ ގައުމީ ޕާޓީން އޭސީސީއަށް ހުށަހަޅާ އޭސީސީން ވަނީ އެތަނާއި ގުޅޭ ގޮތުން ބަލަން ޖެހޭކަންތައްތައް ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި 2010 އެޕްރީލް ފަހުކޮޅު އެސީސީން ގަމުގެ ދޫގަސް އާއި ގުޅޭ ރިޕޯޓް ނެރޭނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އަދި މިހާތަނަށް އެތަނާއި ބެހޭ ރިޕޯޓެއް އޭސީސީން އާއްމުކޮށްފައި ނުވެއެވެ.

އެމްވީކޭ އާއި ގަމުގެ ދޫގަސް ހަވާލުކޮށްފައިވަނީ ދެކުނުގެ ޓްރާސްޕޯޓް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ޝަރުޠުކޮށް "އިންސެންޓިވެ"ގެ ގޮތުގައެވެ. މިހާތަނަށް އައިއިރު އެމްވީކޭއިން އައްޑޫގެ ދަތުރުފަތުރު ކުރަނީ ކޮން އުސޫލަކުން ކިހިނެތްތޯ ބެލި މީހަކު ނެތެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެމްވީކޭ އާއި ދަތުރު ފަތުރު ހަވާލުކުރި ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ދަތުރުތައް ބަރާބަރަށް ކުރޭތޯ ބަލަން ޖެހެއެވެ. ލާމަރުކަޒީ ގާނޫނުން ކައުންސިލަށް އެކަން ލާޒިމް ކުރެއެވެ. ސުވާލަކީ އެކަން ކައުންސިލަށް ބަރާބަރަށް ބެލުނުތޯއެވެ؟

ދެކުނުގެ ދަތުރު ފަތުރު ކުރުމުގައި އެމްވީކޭއަށް ދޫގަސްގެ އިތުރުން މީދޫ އާއި މަރަދޫގެ އިތުރުން ފުވައްމުލަކުން ބިން ވަނީ ހަމަޖައްސާދީފައެވެ. މިހާތަނަށް އައިއިރު އެމްވިކޭ ވަނީ ދަތުރު ހުއްޓާލާފައެވެ. މިހާރު އެމްވީކޭއިން ކުރަނީ ރަމްޒީ ގޮތަކަށް ކުރާ ދަތުރުތަކެކެވެ.

އައްޑޫ ރައްޔިތުންނަށް ބޮޑު ފައިދާއެއް ލިބެން އޮތް ދޫގަސް އެމްވީކޭއަށް ފަންސާސް އަހަރަށް ކުއްޔަށްދީ އެތަން ވީރާނާވަމުންދާ ތަން ބަލަން ކައުންސިލުން އޮތީ ކީއްވެތޯ ސުވާލު އުފެދެއެވެ. ދަތުރު ކުރުމަށްޓަކައި ދިން ތަނެއް ދަތުރު ހުއްޓާލުމުން އަތުލެވެން ޖެހެއެވެ.

ދޫގަސް އެމްވީކޭއިން މަރާމަތު ކުރިނަމަވެސް އެތަން ހިންގުމަށްވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެތަނަކީ މިހާރު އެމްވީކޭ ވެރިން މަޖާ ކުރަން އަންނާން އޮތްތަނެކެވެ.

ކުރިން ސަރުކާރުން ހިންގަމުން އައި ދޫގަސް މިހާރުން މިހާރަށް އެމްވީކޭ އަތުން ނަގަން އެބަޖެހެއެވެ. ރައްޔިތުންގެ އަގުބޮޑު މުދާގަނޑެއް ބަޔަކު ހަލާކުކޮށް ނައްތާލުމުގެ ކުރިންނެވެ. މިކަމުގައި ކައުންސިލުން މިހާރުން މިހާރަށް ތެދުވަންވެއްޖެއެވެ.

"ދަތުރު ފަތުރަށް ދިން ދޫގަސް" ދަތުރު ހުއްޓާލުމާއި އެކު އަތުލެވެން ޖެހެއެވެ.