Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

29 އަހަރަށްފަހު ޑެންމާކް ޔޫރޯގެ ސެމީ އަށް

2-1 އިން ޗެކް ރިބަޕްލިކް ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޑެންމާކް ދަތުރުކޮށްފިއެވެ.

މިއީ 1992 ވަނަ އަހަރަށްފަހު މުބާރާތުގެ ސެމީއަށް ޑެންމާކް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި ޑެންމާކް ބައްދަލުކުރާނީ އިންގްލޭންޑް އައި ޔުކްރޭން މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އަޒަރްބައިޖާންގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޑެންމާކުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލުޖަހާ ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓްގައި މި ގޯލު ޑެންމާކަށް ކާމިޔާބުކޮށްދިނީ ތޯމަސް ޑެލޭނީއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޗެކް ރިޕަބްލިކްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް ޑެންމާކުން ދިޔައީ ގޯލްޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން މައެލް ދިން ރީތި ޕާހަކުން މެޗުގެ 42 ވަނަ މިނެޓްގައި ކެސްޕާ ގޯލްޑްބާގް ވަނީ ޑެންމާކުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޑެންމާކުން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޕެޓްރިކް ޝިކް ވަނީ ޗެކް ރިޕަބްލިކަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދީފައެވެ. މިއީ ޝިކް މި މުބާރާތުގައި ކާމިޔާބުކުރި ފަސްވަނަ ގޯލު ކަމަށްވާއިރު އޭނާ އަކީ މި މުބާރާތުގައި އެންމެ ގޯލުޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ފަސް ގޯލާއެކު ލަނޑު ލިސްޓުގެ ކުރީގައި ދެން އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޝިކްގެ މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރުމަށް ޗެކް ރިޕަބްލިކުން މަސައްކަތް ކުރި ނަމަވެސް އެޓީމަށް މާބޮޑު ނުރައްކަލެއް ޑެންމާކުގެ ގޯލަށް ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކައުންޓަ އެޓޭކުތަކުގައި ލީޑު ފުޅާކޮށްލަން ޑެންމާކަށް ރަނގަޅު ދެ ތިން ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.