Last Updated: April 26, 17:23
Friday, April 26, 2024
ކުޅިވަރު

ޔޫރޯ 2020: ފެންވަރު ދައްކާލުމަށްފަހު އިންގްލޭންޑް ސެމީ އަށް

4-0 އިން ޔުކްރޭން ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ.

މިއީ 1966 ވަނަ އަހަރަށްފަހު ޔޫރޯގެ ސެމީއަށް އިންގްލޭންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި އިންގްލޭންޑް ނިކުންނާނީ ޑެންމާކްއާ ދެކޮޅަށެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި މިރޭ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ސްޓާލިން ދިން ޕާހަކުން ހެރީ ކޭން ވަނީ އިންގްލޭންޑުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލަށްފަހު އިންގްލޭންޑުން ފުދޭވަރަކަށް ޑިފެންސިވްކޮށް ކުޅުނުއިރު ޔުކްރޭނަށް ވަނީ ނަތީޖަ އެއްވަރުކޮށްލަން މެޗުގެ 17 ވަނަ މިނެޓްގައި ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެޓީމުގެ ޔަރެމްޗުކް ފޮނުވާލި އެ ހަމަލާ އިންގްލޭންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލޭންޑުން ވަނީ ޔުކްރޭނުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ރައިސް އާއި ސަންޗޯ ފޮނުވާލި އެ ދެ ހަމަލާވެސް ޔުކްރޭނުގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިންގްލޭންޑުން ނިންމާލިއިރު މެޗުގެ 46 ވަނަ މިނެޓްގައި ހެރީ މެގުއާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ޝޯ ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެން ކޭން ވަނީ އިންގްލޭންޑުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

އިންގްލޭންޑުގެ ހަތަރުވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ޖޯޑަން ހެންޑަސަން އެވެ. ދެވަނަ ހާފްގައި ކާމިޔާބުކުރި މި ތިން ގޯލަށްފަހު ވެސް އިންގްލޭންޑުން ވަނީ އިތުރު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ.

މިއީ 1966 ވަނަ އަހަރަށްފަހު ނޮކައުޓް ބުރުގެ މެޗެއްގައި އިންގްލޭންޑުން ހަތަރު ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.