ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލި މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 02:00 އަށެވެ.
ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލާފައިވަނީ ޖޫން 17 ވަނަ ދުވަހުއެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ މާލެއިން ނުފުރުމާއި ރާއްޖެދޫކޮށް ނުފުރުމެވެ. އަދި އެކަންކަން ކޯޓުން ބަލާނެކަމަށެވެ.
އައްމަޓީއަށް 42 ދައުވާއެއް އުފުލާފައިވޭ!
13 މާރިޗު 2014 ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 30 މޭ ގައެވެ.
މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.