"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު މިހާރު އޮތީ ކުރިއަށްވުރެވެސް ގޯސްކޮށްކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމަށް ވަކިކުރި ޑރ. އިޔާޒު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނަފްރަތު ހުއްޓުވުމުގެ ނަމުގައި މަޖިލީހަށް ހުށަހެޅިފައިވާ ބިލް ކޮމިޓީ މަރްޙަލާ އިން ނިމުނު އިރުގައި އޮތީ ކުރިޔަށްވުރެ ވެސް ގޯސްކޮށްކަމަށެވެ.
އަދި އެކަން އެގޮތަށް ވުމުން އެނގިގެންދަނީ ކޮމޓީގައި ތިބި މެމްބަރުންނަކީ އެކަމަށް ކުފޫހަމަވާ ބަޔަކު ނޫންކަން ކަމަށާއި، އެ މެމްބަރުން އަޒުލުކުރަން ޖެހޭކަމަށް އިޔާޒްގެ ޓްވީޓްގައިވެއެވެ.
ނަފްރަތު ހުއްޓުވުމުގެ ނަމުގައި @mvpeoplesmajlis އަށް ހުށަހެޅިފައިވާ ބިލް ކޮމިޓީ މަރްޙަލާ އިން ނިމުނު ިއިރުގައި އޮތީ ކުރިޔަށްވުރެ ވެސް ގޯސްކޮށް, މިކަމުން އެނގެނީ ކޮމިޓީގައި ތިބި މެމްބަރުންނަކީ އެކަމަށް ކުފޫހަމަވާ ބަޔަކު ނޫންކަން. އަވަހަށް ޢަޒުލް ކުރަން ޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) July 3, 2021
އަންހެން ކުދިން ހިތާނު ކުރުމަށް ބާރުދީ ޓްވީޓްކުރި މައްސަލައިގައި ޑރ. އިޔާޒަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔައިރު އޭނާގެ މައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ ނިންމާފައެވެ.
ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ އެ އިސްލާހުގެ އެއްވަނަ ނަމްބަރަށެވެ. އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. ފާޑުކިޔުންތަކުގެ ސަބަބުން ޖުޑިޝަރީ ކޮމިޓީން ވަނީ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ކަނޑައެޅި މާއްދާ އުނިކުރަން ނިންމާފައެވެ. އަދި ވަކި މައްސަލައަކާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ ކަން އެނގެން އޮއްވާ އޭގެތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހެއްގެ އިސްލާމީ އަގީދާ އަށް ގެއްލުން ލިބިދާނެ ގޮތަށް އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވެސް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު އެމީހަކީ ކާފަރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއް ކަމުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ ތުހުމަތުކުރުން ކުށަކަށް ހަދަން ވެސް ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުންތައް އެ ކޮމިޓީން ވަނީ ފާސްވެސް ކޮށްފައެވެ.