Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ކައުންސިލްތަކުގެ ބާރުވެރިކަން ތަންފީޒު ކުރުމަށް އިތުރު އިސްލާހުތަކެއް

ކައުންސިލްތަކުގެ ބާރުވެރިން އިތުރު ކުރުމަށް އަދި ކައުންސިލްތަކަށް ބާރުތައް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އެހެން ބައެއް ގާނޫނުތަކަށް އިތުރު އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

އެގޮތުން އިސްލާހު ހުށަހަޅައިފާ ފާހަގަކުރެވޭ ބައެއް ޤާނޫނުތަކުގެ ތެރޭގައި ފަޅުރަށްރަށާ ބެހޭ ގާނޫނާއި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނާ ތައާރުޒުވާގޮތަށް ހުރި ބައިތައް އިސްލާހުކުރުމަށް ފަޅުރަށްރަށާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި، ރިސޯޓު ތަރައްގީކުރުމުގެ އިތުރުން ޓޫރިޒަމްގެ އެހެން މަސައްކަތްތަކަށް ވެސް ރަށްތައް ދޫކުރެވޭ ގޮތަށް އެ ގާނޫނުގެ ތައާރަފާއި ނަން ބަދަލުކުރަން އިސްލާޙު ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން އިހްތިސާސްގައި ހިމެނޭ ރަށްތައް ދޫކުރުމުގެ ބާރުވެސް ކައުންސިލަށް ލިބިދޭގޮތަށް އިސްލާހު ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އެކަން ކުރެވޭގޮތަށް އޮތީ ބިލު ޤާނޫނަކަށްވެ އެޤާނޫނުގެ ދަށުން ހަދާ ގަވައިދުގެ ދަށުންނެވެ.

މީގެއިތުރުން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދެމުންދާ ބައެއް ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދެވޭނެ ގޮތް ހަމަޖެއްސުމަށެވެ. އެހެންނަމަވެސް ކައުންސިލް ތަކުން ދޭނެ ހިދުމަތްތައް ކަނޑައަޅައި އަދި އެ ހިދުމަތްތަކާ ގުޅޭ ގަވައިދާ ހަދާނީ ޓްރާންސްޕޯޓް މިނިސްޓްރީންކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ކައުންސިލްތައް ބާރުވެރިކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ލާމަރުކަޒީ ޤާނޫނަށް ބޮޑު އިސްލާހެއް ގެނެސް އެ އިސްލާހުތަކަށް އަމަލުކުރަން ވަނީ ފަށާފައެވެ.