މީދޫ ކޯޕަރޭޓް ކޮމިއުނިއަމް (އެމްސީސީ)ގެ ފަރާތުން ކޮންމެ އަހަރަކު މިދޫގައި ބާއްވާ ވޮލީ މުބާރާތް މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
އެމްސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ "ބަވާރިއާ ނަން އަލްކަހޯލިކް ޑްރިންކް"އިން ސްޕޮންސާކޮށްގެން ބާއްވާ މުބާރާތުގައި މިފަހަރު ބައިވެރިވަނީ 4 ޓީމުކަމަށެވެ.
އެއީ މީދޫން ބައިވެރިވާ މީދޫ ވޮލީ ޓީމާއި، މީދޫ އެކުވެރިންގެ ޗެއިންގެ އިތުރުން ހުޅުދޫ ޔޫތު ފައުންޑޭޝަން އާއި ޝަންގްރިއްލާއެވެ.
ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ، ރަނައަޕް ޓީމަށް 15،000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރަނީ މިދު ވޮލީ ޓީމާއި، ހުޅުދޫ ޔޫތު ފައުންޑޭޝަންއެވެ. މި މުބާރާތުގައި ރާއްޖޭގެ 1 ވަނަ ޑިވިޝަންގެ ބައެއް ކުޅުންތެރިން ކުޅޭނެއެވެ. އެގޮތުން މީދޫ ވޮލީ ޓީމަށް އަށްކަޅޭ އާއި ޝާހް ކުޅޭނެއެވެ.
މީދޫގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖެތެރޭގައި ބޭއްވި އެންމެ އަގު ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާފައެވެ.
ގްލޯބަލް ލިންކް ޗެލެންޖްގެ ނަމުގައި ޗެމްޕިއަން ޓީމަށް 150،000 ރުފިޔާ ދިން މުބާރާތް ރާވާ ހިންގާފައިވަނީވެސް އެމްސީސީއިންނެވެ.