Last Updated: June 30, 10:48
Tuesday, June 30, 2026
ޚަބަރު

ބިލް ނުދައްކައިގެން ކައުންސިލްގެ ފޯނުގެ ހިދްމަތް ކަނޑާލައިފި

އައްޑޫ ސިޓީ ކައުންސިލްގެ ފޯނު ބިލްތަކަށް ފާއިތުވި 5 މަސް ދުވަހު ބިލް ނުދައްކައިގެން ދިރާގުން ފޯނު ހިދްމަތް ކަނޑާލައިފިއެވެ.

ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ލުތުފީ މިއަދު ވިދާޅުވީ ކައުންިސލް އިދާރާގެ މައި އޮފީހާއި ރަށްރަށުގެ އަވަށު އޮފީސް ތަކުގެ ފޯނު ހިދްމަތްވެސް ކަނޑާފައިވާ ކަމަށެވެ.

ލުޠުފީ ވިދާޅުވީ ފޯނު ހިދްމަތް ކަނޑާފައިވަނީ ޖޫން މަހުންފެށިގެން މިހާތަނަށް ދިރާގަށް ދައްކަންޖެހޭ 178،000 ރުފިޔާ ނުދެއްކި އޮތުމުން ކަމަށެވެ. އަދި ފައިސާ ކައުންސިލްގައި ނެތުމުން ފިނޭންސް މިނިސްޓަރ ޖިހާދު އަށާއި އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

ކައުންސިލް އިދާރާގެ ފޯނުތައް ކަނޑާލާފައި ހުރުމުން ރަސްމީ ކަމެއްގައި ފޯނު ކުރަން ޖެހެނީ މުވައްޒަފުންގެ އަމިއްލަ މޮބައިލް ފޯނުންކަމަށް ލުޠުފީ ވިދާޅުވިއެވެ.

ދިރާގުން ވަނީ މިމަހުގެ 7ގެ ކުރިން ނުދެއްކިވާ ބިލްތަކަށް ފައިސާ ދެއްކުމަށް ކައުންސިލަށް އަންގަފައެވެ. ނަމަވެސް އަދިވެސް ފައިސާގެ ކަންކަން ހަމަ ނުޖެހޭކަމަށް ލުޠުފީ ވިދާޅުވިއެވެ.

ލުޠުފީ ވިދާޅުވީ ފޯނުބިލްގެ އިތުރުން ޖޫން މަހުން ފެށިގެން ކައުންސިލް އިދާރާގެ ކަރަންޓް ބިލްވެސް ނުދައްކާކަމަށެވެ.