Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު ކޮވިޑު ވެކްސިން

މާލޭގައި ކޮވިޝީލްޑް ދެ ވަނަ ޑޯޒް ޖަހަން އޮންލައިންކޮށް ނަމްބަރު ދޫކުރަން ފަށައިފި

މާލޭގައި ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް އޮންލައިންކޮށް ވެސް ނަމްބަރު ދޫކުރަން މިއަދު ފަށައިފި އެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފަށާފައިވަނީ ހެޔޮ އެދޭ ފަރާތަކުން ރާއްޖެއަަށް ހަދިޔާކުރި ވެކްސިން ލިބުމާ ގުޅިގެންނެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމީ ހަމަ އެކަނި ގުޅައިގެން މީހުނަށް ނަމްބަރު ދޫކުރުމަށެވެ. އެހެން ނަމަވެސް އެޗްޕީއޭއިން މިއަދު ބުނީ ފެބްރުއަރީ 1 އިން ފެށިގެން މާޗު 15 ވަނަ ދުވަހާ ހަމައަށް ވެކްސިން ޖަހާފައިވާ މީހުންނަށް އޮންލައިންކޮށް ކިޔުބީ މެދުވެރިކޮށް ނަމްބަރު ނެގޭނެ ކަމަށެވެ.

މިއަދު ވެކްސިން ޖަހަންމުން ދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ހަތަރު ސެންޓަރެއްގައި އެވެ. ސޯޝަލް ސެންޓަރާއި އިސްލާމިކް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި އާޓްގެލެރީން ވެކްސިން ޖަހަމުންދަނީ ކޮންމެ ދުވަހަކުވެސް ވަކި ވަރަކަށް ނަމްބަރު ދޫކޮށްގެނެވެ. އެގޮތުން ކޮންމެ ދަންފަޅިއަކަށްވެސް ދޫކުރާނީ 590 ނަމްބަރު ދޫކުރާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް މާލޭގައި ޖެހި ނަމަވެސް އަދި އަތޮޅު ތެރޭގައި ޖަހަން ނުފަށަ އެވެ.